ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ މަރުވި ހާދިސާއާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކާއި، ވީޑިއޯ ފަދަ ތަކެތި ނުފެތުރުމަށް ފުލުހުން މިރޭ އެދިއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ މަރުވެފައި ވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިރޭ ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރޭ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ޚިދުމަތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާއާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގައުމީ ޔުނިވާސިޓީގެ ދަނާލަކީ އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭ ތަނެކެވެ.