މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ބަލިކޮށް، އަލިފުށިން ފެށުން ރަނގަޅުކޮށްފި
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ބަލިކޮށް، އަލިފުށިން ފެށުން ރަނގަޅުކޮށްފި

ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ "ވިންޑް ވޯރިއާސް ދަ މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026" ގައި މުބާރާތް ބާއްވާ ކެނދިކުޅުދޫއަށް ނިސްބަތްވާ ކެނދިކުޅުދޫ ސްޕޯޓްސް ކުލަބު ބަލިކޮށް އަލިފުށި ރެކްރިއޭޝަން ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ބަލިކޮށް، އަލިފުށިން ފެށުން ރަނގަޅުކޮށްފި
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ބަލިކޮށް، އަލިފުށިން ފެށުން ރަނގަޅުކޮށްފި

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އަލިފުށިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލިފުށީގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ބަލިކޮށް، އަލިފުށިން ފެށުން ރަނގަޅުކޮށްފި
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ބަލިކޮށް، އަލިފުށިން ފެށުން ރަނގަޅުކޮށްފި

ކެނދިކުޅުދޫ ސްޕޯޓްސް ކުލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ސިޑިބަރި

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ކެނދިކުޅުދޫ ޓީމަށް ލީޑު ނެގުމަށް ރަން ފުރުސަތެއް ލިބުނެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެކެވެ. ނަމަވެސް، އަލިފުށީގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު އެ ޕެނަލްޓީ މަތަކޮށް، ކެނދިކުޅުދޫގެ އުއްމީދުތަކަށް ހުރަސް އަޅާފައެވެ.

އެއަށްފަހު އަލިފުށިން މެޗުގެ ކޮންޓްރޯލް ހޯދައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ބިދޭސީ ފޯވާޑް ކިއާނޫ ވަނީ ފުރިހަމަ ލަނޑަކުން މެޗުގެ ލީޑު ނަގައިދީފައެވެ.

ކެނދިކުޅުދޫ ސްޕޯޓްސް ކުލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ސިޑިބަރި

މެޗުގެ ދެވަނަ ހާފުގައި ކެނދިކުޅުދޫ ޓީމުން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އަލިފުށީގެ ތަޖުރިބާކާރު ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

އަލިފުށިން ވަނީ ދެވަނަ ހާފުގައި އިތުރަށް ކުޅުން ވަރުގަދަކޮށް، މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެގޮތުން ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ކިއާނޫ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބާރު ބޯޅައިން ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ.

ކެނދިކުޅުދޫ ސްޕޯޓްސް ކުލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ސިޑިބަރި

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އަލިފުށިން ވަނީ ތިންވަނަ ލަނޑެއް ޖަހައި ކެނދިކުޅުދޫގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ކަށަވަރުކޮށްފައެވެ. މިއީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު އޮގަމްބޭ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު އަލިފުށި ރެކްރިއޭޝަން ކްލަބުން ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ތާވަލުގެ އެއްވަނަ ހޯދާފައެވެ. އަދި މިއީ މި މުބާރާތުގައި ޓީމަކުން މޮޅުވި ފުރަތަމަ މެޗެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ދެ މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެގޮތުން ފުރަތަމަ މެޗު މަނަދޫއާއި މާފަރު އަދި ދެވަނަ މެޗުގައި ބިޖިއްލީއާއި މާޒިޔާ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.