01 Jun 2026, 10:02
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސްކަމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފިއެވެ.
މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ސަލީމް އިންތިޚާބުވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައިގެންނެވެ.
ޖުމްލަ 74 ވޯޓު ލިއިރު، ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.
ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ، އަދި ތަޖުރިބާ ލިބިވަޑައިގެންހުންނެވި އެއް މެންބަރެވެ. އޭނާއަކީ 20ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.
މިއީ ސަލީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ހަތަރުވަނަ ދައުރެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިއްޔެ އިސްތިއުފާދެއްވައިފައިވަނީ، ނާޒިމްގެ މައްޗަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ސޮއިކޮށް، އިތުބާރު ނެތް ކަމަށް ހުށަހަޅައި، އޭނާ ވަކިކުރަން އިއްޔެ ތާވަލުވެސް ކޮށްފައި ވަނިކޮށެވެ.
ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ފިޔަވައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކޮށް، ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައިވަނީ، މަގާމުގައި ހުރެ ނާޒިމް ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވައިފައެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތެވެ. އަދި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް މެންބަރަކު ނުވަތަ މުއައްސަސާއަކުން އުފުލާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅުއްވާފައި ނުވާނެ ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާތީ، ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމްކުރުމުގެ ގޮތުންނާއި، މެޖޯރިޓީގެ ނިންމުމަށް އިޖާބަދިނުމުގެ ގޮތުން މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ.