ޑައިމަންޑް ޖުބިލީ މުބާރާތުގެ ޓިކެޓު އަގުތައް ބޮޑުތަނުން ހެޔޮކޮށްފި
ޑައިމަންޑް ޖުބިލީ މުބާރާތުގެ ޓިކެޓު އަގުތައް ބޮޑުތަނުން ހެޔޮކޮށްފި

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް" ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، މުބާރާތުގެ ޓިކެޓްތަކުގެ އަގު ހެޔޮކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި ބަދަލާއެކު، މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ކުރިން 100 ރުފިޔާއަށް ވިއްކި ސިޑިބަރީގެ ޓިކެޓެއް މިހާރު 50 ރުފިޔާއަށް ލިބޭނެއެވެ. އަދި ކުރިން 200 ރުފިޔާއަށް ވިއްކި ގޮނޑިބަރީގެ ޓިކެޓްގެ އަގު ވަނީ 100 ރުފިޔާއަށް ދަށްކޮށްފައެވެ.

އެފްއޭއެމް އިން މިފަދަ ނިންމުމެއް ނިންމީ މުބާރާތުގެ ފުރަތަމަ މެޗުތަކަށް ވަން ސަޕޯޓަރުންގެ އަދަދު ނިސްބަތުން މަދުވުމާ ގުޅިގެން، ދަނޑަށް ވަންނަ މީހުންގެ އަދަދު އަލުން އިތުރުކުރުމުގެ މަގްސަދުގައެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި ބަންގްލަދޭޝްގެ ސަޕޯޓަރުން-- ފޮޓޯ: އެފްއޭއެމް

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ދަނޑުގެ ދެކުނު ފަޅީގެ މަތީ ބުރިއާއި އިރުމަތީ ފަރާތް ވީރާނާވެފައިވުމުގެ ސަބަބުން، ދަނޑުގެ ކެޕޭސިޓީ ދަށްކޮށްފައިވާތާ މިހާރު ހަތް އަހަރުވެއްޖެ އެވެ. އެހެންކަމުން މިހާރުގެ ދަނޑުގެ ކެޕޭސިޓީއާއެކު ސަޕޯޓަރުންނަށް ވަދެވޭނީ މަދު މިންވަރަކެވެ.

ޓިކެޓްގެ އަގަށް މިގެނައި ހެޔޮ ބަދަލާއެކު، މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ސަޕޯޓަރުން އިތުރުވާނެ ކަމަށް އުންމީދުކުރެވެއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މާދަމާ އޮންނާނެއެވެ. އެގޮތުން މާދަމާ ހަވީރު ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ.