2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައިވަނިކޮށް ކެނެޑާގެ ތާރީޚުގައިވެސް އަތުލައިގަތް އެންމެ ބޮޑު ފޭކް ޖާޒީއާއި ސާމާނު ޓޮރޮންޓޯ ފުލުހުން ހޯދައިފިއެވެ.

މި ބޮޑު އޮޕަރޭޝަނާ ގުޅިގެން 41 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި އިރު އެ މީހުންގެ އަތުގައިވާ ތަކެތީގެ އަގު ޖުމްލަ 5000 ޑޮލަރަށް ވުރެ މައްޗެވެ.

މަކަރާއި ހީލަތްހެދުން އަދި ޖިނާއީ ބޮޑެތި ދަޢުވާތަކެއް މިމީހުންނަށް އުފުލާފައިވާއިރު، ފުލުހުންގެ ތަޙުޤީޤީ ޓީމުން ހާމަކުރި ގޮތުގައި، މި ދެ މީހުން މިކަން ހިންގަމުން އަންނަތާ ދުވަސްތަކެއް ވެދާނެ ކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ. އަދި މިތަކެތި ވިއްކައިގެން ލިބޭ ފައިސާ އާންމުކޮށް ބޭނުންކުރަނީ ރޭވުންތެރި ބޮޑެތި އެހެން ކުށްތަކަށް ފަންޑު ކުރުމަށްކަމަށްވެސް ފުލުހުން ބުނެއެވެ.

ޓޮރޮންޓޯގެ ޑެޕިއުޓީ ޗީފް ރޮބާޓް ޖޯންސަން ވިދާޅުވީ، މިއީ ސަޕޯޓަރުންގެ ހިތްތަކުގައި ކުޅިވަރަށް އޮތް ލޯބީގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑު މަންފާއެއް ހޯދަން ހިންގި ވަރަށް ބޮޑު އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން މި ތަޙުޤީޤު ފަށާފައި ވަނީ ކެނެޑާގެ އެންޓި ކައުންޓަފީޓިންގ ނެޓްވޯކްގައި ހިމެނޭ ލޯ ފާމެއް ކަމަށްވާ ލިޕްކަސް ލޯ އެލްއެލްޕީން ދިން ޝަކުވާއަކާ ގުޅިގެންނެވެ.

އެ ފަރާތުން ދިން މަޢުލޫމާތަށް ބަލައި ފާސްކުރި ބޮޑު ގުދނަކުން ފީފާ، ނައިކީ، އެޑިޑާސް އަދި ޕޫމާ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ނަމުގައި ތައްޔާރުކޮށްފައިވާ 16,000 އަށްވުރެ ގިނަ ފޭކް ޖާޒީ، ދިދަ އަދި ތޮފި ހިމެނޭ ސާމާނު ވަނީ ފެނިފައެވެ. ފުލުހުން ލަފާކުރާ ގޮތުގައި އަތުލައިގަތް މި މުދަލުގެ ބާޒާރުގެ އަގު 3.5 މިލިއަން ކެނެޑާ ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

މި މައްސަލައާ ގުޅިގެން ޤާނޫނީ މާހިރުން ވަނީ ފޭކް މުދަލަށް ސަމާލުވުމަށް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން މަޝްހޫރު ބްރޭންޑެއްގެ އެއްޗެއް އާދަޔާ ޚިލާފަށް ހެޔޮ އަގެއްގައި ލިބޭނަމަ އެއީ ފޭކް އެއްޗަކަށް ވުން ގާތްކަމަށާއި، މުދާ ގަންނައިރު އޭގެ ޓެގްތަކުގައި ގޯސްކޮށް ލިޔެފައިވޭތޯ ބެލުމަށް ވަނީ އިރުޝާދު ދީފައެވެ.

އަގުބޮޑު ބްރޭންޑްތަކުގެ ފޭކް އުފެއްދުންތައް ރާއްޖޭގެ ބާޒާރުގައިވެސް ދަނީ ބޮޑު އަގުގައި ވިއްކަމުންނެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އަވައްޓެރި ބަންގްލަދޭޝްއާއި ޗައިނާ މެދުވެރިކޮށް ފޭކު ޖާޒީ ދަނީ ރާއްޖޭގެ ބާޒާރުގައި ބޮޑު އަގުގައި ވިއްކަމުންނެވެ.

އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި އަދި މިކަމަށް ހާއްސަ ގާނޫނެއް އޮތްކަން އެނގިފައެއް ނެތެވެ. ނަމަވެސް މިއީ ހުޅަނގުގެ ގައުމުތަކުގައި ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކަމެކެވެ.