މަޖިލީހަށް ހޮވަންވާނީ ދުނިޔޭގެ އާޖުފާޖު އެނގޭ ބޭފުޅެއް: ނަޝީދު
މަޖިލީހަށް ހޮވަންވާނީ ދުނިޔޭގެ އާޖުފާޖު އެނގޭ ބޭފުޅެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނީ ދުނިޔޭގެ އާޖުފާޖު އެނގޭ ބޭފުޅެއް ކަމަށް ވިދާޅުވެ، މާދަމާ އޮންނަ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސާދިގު (ސޯބެ)އަށް ވޯޓުދެއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފިއެވެ.

އެމްޑީޕީން ރޭ ވަނީ އައްޑޫގައި ކުރީގެ ދެ ރައީސުންނާ އެކު ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ޖަލްސާގައި ނުސީދާ ގޮތެއްގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ މާދަމާ އޮންނަ ވޯޓުގައި ރައްޔިތުން ވޯޓުދޭންވާނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ވިދާޅުވެފައެވެ.

"މި ދިވެހިރާއްޖެ މި ދަނީ އޮޔާ. އަޅުގަނޑުމެން ކަނު ބަނދެވި ތިބެ މި ދަނީ އަނދަވަޅަކަށް ވެއްޓެން. އަޅުގަނޑުމެން މެންބަރެއްގެ ގޮތުގައި ފޮނުވަންވީ ކޮންމެ ވެސް ވަރަކަށް ވަމުންދާންވި ގޮތްތައް ވެސް އެނގެންވީ މީހެއް. މަދަރުސާއަކަށް ވެސް ގޮސްލާ އުޅުނު ބޭފުޅެއް،" އެ މަނިކުފާނު ވިދާލުވިއެވެ.

"އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާ އެކު މި ދަންނަވަނީ. މިސާލަކަށް ޑެބްޓް ސަސްޓެއިނިބްލިޓީ އެނާލަސިސްއެކޭ ބުނީމާ ނޭނގޭ ބޭފުޅަކު މިއަދު އައްޑޫ ރައްޔިތުން އެ ތަނަށް [މަޖިލީހަށް] ފޮނުވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"

ނަޝީދު: އެ މަނިކުފާނު ވިދާޅުވީ އައްޑޫގެ ހުރިހާ ތަރައްގީއެއް ގެނެސްދިނީ އެމްޑީޕީން ކަމަށް -- ފޮޓޯ/ އެމްޑީޕީ

އައްޑޫގެ އެންމެހާ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ނަޝީދު ވިދާޅުވީ، ދުނިޔެ މި ދަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށެވެ.

އެ ގޮތުން އެމެރިކާގެ ބާރު ނެތެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ތަފުސީލަށް ވަޑައިނުގެން ނަޝީދު ވިދާޅުވީ މި ބަދަލުވަމުންދާ ދުނިޔޭގައި ފައިތިލަ ސާބިތުކޮށްގެން ތިބޭނެ ބަޔަކަށް ރާއްޖެ ހެދުމަށް މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، އެ މަޖިލީހަށް ހޮވަންވާނީ ގާބިލު ބޭފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ތަނަށް ތި ބޭފުޅުން ފޮނުވަންޖެހޭނީ އެއްވެސް ޝައްކެއް ނެތް ދުނިޔޭގެ އާޖުފާޖު އެނގޭ، މި ދިވެހިރާއްޖެއަށް ވަމުންމިދާ ގޮތް އެނގޭ، އަދި އައްޑޫއަށް ޚިދުމަތްކޮށްދެވޭނެ، ކުރަންޖެހޭނެ ޚިދުމަތް ވެސް ދަންނަ ރަނގަޅު އައްޑޫ ދަރިއެއް. ރަނގަޅު ހިތަދޫ ދަރިއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ބޭފުޅާއަކީ ސޯބެ،"

މީގެ އިތުރުން، ނަޝީދު ވަނީ އެމްޑީޕީ ފެނަށް ދިރުވި ބޭފުޅަކީ ސޯބެގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެ ގޮތުން، އޮގަސްޓް 12، 2005 ގައި އެ މަނިކުފާނު ހައްޔަރުކުރެއްވުމާ އެކު، ޖެހިގެން އައި 13 ވަނަ ދުވަހު ސޯބެ ހައްޔަރުކުރިކަން ހަނދާން އާކުރެއްވިއެވެ. އެއަށް ފަހު، އައްޑޫން ފަހަރަކު ބޭފުޅެއް، ފަހަރަކު ބޭފުޅެއް ހައްޔަރުކުރެއްވި ކަމަށާއި އެއީ އެމްޑީޕީ ފެނަށް ދިރުނު ދުވަސް ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އެއާ ޚިލާފަށް ވާދަވެރި ޕީއެންސީން ދެއްކެވީ "އަސްލު މީހާ" ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ގޮތުން، ޕީއެންސީގެ ޕްރައިމަރީން ކާމިޔާބުވި އެ ދާއިރާގެ ގޮނޑި ގެއްލުނު މެންބަރު މުހައްމަދު ސިނާން (ސިނާ) "ނަގާ އެއްލައިލީ" ކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ. އެއަށް ފަހު، އަހުމަދު ސައީދު (ސޮޑާ)އަށް ޓިކެޓު ދޭން ނިންމީ އޭނާއަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ވީމާ ކަމަށް ސިފަވާ މޭރުމަކުން އެ މަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

އެކަމަކު، ޕީއެންސީން ވަނީ ސިނާން ޓިކެޓު ދޫކޮށްލީ އާއިލާއަށް ވަގުތު ދޭން ކަމަށް ބުނެފައެވެ.

"ބައްލަވާ، ހިތަދޫ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ.. އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވާ ތަރައްގީގެ ކަމެއް، އިޖުތިމާއީ ކަމެއް ވެސް ކުރެވިފައެއް ނޯންނާނެ. މި އައްޑޫ ސިޓީގައި މިވާ ހުރިހާ އުމްރާނީ ތަރައްގީއެއް އެއީ އިތުރު ބައެއްގެ އެއްޗެއް ނޫން. އެމްޑީޕީގެ އެއްޗެއް،" ނަޝީދު ވިދާޅުވިއެވެ.