05 Jun 2026, 12:43

ކޮންޓްރެކްޓު އުސޫލުން ށ. މިލަންދޫގައި މި އަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އިއްޔެ އެ ކައުންސިލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޖުމުލަ 321،940 ރުފިޔާ ވަނީ ޢީދުގެ އެކި ހަރަކާތްތަކަށް ހޭދަކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރީ ޢީދުގައި ބޭއްވި އާއިލީ ހަވީރަށެވެ. އެ ކަމަށް 179،990 ރުފިޔާ މިލަންދޫ ކައުންސިލުން ޚަރަދުކުރިއެވެ.

މިލަންދޫގައި ދަފި ނަގަނީ: އެ ހަރަކާތަށް ވެސް 49،000 ރުފިޔާ ވަނީ ޚަރަދުކޮށްފައި --- ފޮޓޯ/ މިލަންދޫ ކައުންސިލް
މީގެ އިތުރުން، ކޯޑިއާއި މާލި ނެރެން 34،499 ރުފިޔާ ހޭދަކުރިއިރު، ދަފި ނެގުމަށް 49،451 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި، ވާދެމުމުގެ މުބާރާތަށް 44،500 ރުފިޔާއާއި އީދު ހަރަކާތްތަކުގެ ގްރެފިކްސް ޑިޒައިނިންއަށް 13،500 ރުފިޔާ މިލަންދޫ ކައުންސިލުން ޢީދުގައި ޚަރަދުކުރިއެވެ.
ޢީދަށް މިލަންދޫ ކައުންސިލުން ބޮޑު ޚަރަދެއް ކުރިއިރު، އާންމުކޮށް ގިނަ ރަށްތަކުގައި ސަގާފީ ހަރަކާތްތައް ކުޅެނީ ރަށުގެ ރައްޔިތުން ބައިވެރިވެގެންނެވެ. އެކަމަކު، އެކި ޝޯތައް ދިނުމަށް ބޮޑުބެރު ގުރޫޕުތަކާއި ނަށާ ގުރޫޕުތަކަށް ކައުންސިލްތަކުން ޚަރަދުކުރެއެވެ.
މި އަހަރުގެ ބޮޑު ޢީދު މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައެވެ.
އިސްލާމް މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޢީދުތައް ފާހަގަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލަން ފަށާފައިވާކަން ހާމަކޮށްފައެވެ. އެ ކަމާ ގުޅިގެން ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.