އުމުރުން 30 އަހަރަކީ މުސްކުޅި އުމުރެއް ކަމަށް ބުނުމުން ތާޕްސީ ނުރުހުން ފާޅުކޮށްފި
އުމުރުން 30 އަހަރަކީ މުސްކުޅި އުމުރެއް ކަމަށް ބުނުމުން ތާޕްސީ ނުރުހުން ފާޅުކޮށްފި

ލޯބީގެ ހެއްވާ މަޖާ ފިލްމުތައް ނުވަތަ 'ރޮމޭންޓިކް ކޮމެޑީ' ފިލްމުތަކަށް އުމުރުން 30 އަހަރަކީ މުސްކުޅި އުމުރެއް ކަމަށް ބުނުމުން ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕަންނޫ ނުރުހުން ފާޅުކޮށްފިއެވެ.

ދާދި ފަހުން "ޓައިމްސް އެންޓަޓެއިންމަންޓް"އަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ވަނީ ފިލްމީ ދާއިރާގައި އަންހެނުންގެ އުމުރާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

ތާޕްސީ ކިޔައިދިން ގޮތުގައި އޭނާ ހިންދީ ފިލްމީ ދާއިރާއަށް ވަނީ އުމުރުން 20 އަހަރުގައެވެ.

"މި ދާއިރާގައި ރަނގަޅު ރޯލެއް ހޯދުމަށް ތިން ހަތަރު އަހަރު ހޭދަވޭ. އަމިއްލަ ނަމެއް ބިނާކޮށް، ކާމިޔާބީއާ ހަމައަށް ވާސިލުވާއިރު އުމުރުން 30 އަހަރު ފުރިދޭ. އެހިސާބުން ދެން ޕްރޮޑިއުސަރުން މި ބުނަނީ ރޮމޭންޓިކް ކޮމެޑީއެއްގައި ހަރަކާތްތެރިވާ އުމުރަށްވުރެ މިހާރު މާ މުސްކުޅިވެއްޖެ ކަމަށް" ތާޕްސީ ބުނެފައިވެއެވެ.

މި ދާއިރާގައި އަބަދުވެސް ޒުވާން އަންހެން ކުދިންނަށް އިސްކަންދޭކަން ފާހަގަކުރަމުން ތާޕްސީ ބުނީ، ވަކި ރޯލަކަށް ކޮންމެހެން ޒުވާން ކުއްޖަކު ބޭނުން ނުވި ނަމަވެސް، ފިލްމު އުފައްދާ ފަރާތްތަކުން ބޭނުންވަނީ ޒުވާން މޫނުތަކެއް ކަމަށެވެ. އަދި މިފަދަ ތަފާތުކުރުންތައް ފިރިހެން އެކްޓަރުންނަށް ކުރިމަތި ނުވާކަމަށް އުމުރުން 38 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ތާޕްސީ ޕަންނޫ ފިލްމު "ދުންކީ"ގެ މަންޒަރެއްގައި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގައިވެސް މިފަދަ ކަންތައްތައް ހިނގާކަމަށް ބުނަމުން ތާޕްސީ ވަނީ ބަތަލާ އަމިއްލަ ތަޖުރިބާ ވެސް ހިއްސާކޮށްފައެވެ.

އެގޮތުން ދުވަސްވީ އެކްޓަރަކާއެކު ފިލްމެއްގައި މަސައްކަތް ކޮށްފިނަމަ، ދެން ތިބޭ ޒުވާން އެކްޓަރުން ތާޕްސީ އާއެކު މަސައްކަތް ކުރަން ބޭނުންނުވާކަމަށް ބަތަލާ ބުނެފައިވެއެވެ.

ނަމަވެސް ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން ފަދަ ތަރިންނާ ބެހޭގޮތުން އެފަދަ އެއްޗެއް ބުނަން އެއްވެސް މީހަކަށް ނުކެރޭނެ ކަމަށާއި، ޝާހްރުކް ފަދަ އޭ ލިސްޓު ތަރިއަކާ އެކު މަސައްކަތް ކުރުމަކީ އަންހެން އެކްޓަރެއްގެ ކެރިއަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބަތަލާ ބުނެފައިވެއެވެ.

ޒީ5އިން ގެނެސްދިން "އައްސީ"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ނެޓްފްލިކްސްގެ ފިލްމު "ގާންދާރީ"އިންނެވެ.