ޔޫރޯ 2020 މުބާރާތުގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު ބިރުވެރި ހާދިސާއަށްފަހު، އޭނާގެ ހިތުގެ ވިންދު ހަމަޔަކަށް އެޅުވުމަށްޓަކައި ހަށިގަނޑުގައި ވަނީ ހާއްސަ ޑިވައިސްއެއް ހަރުކޮށްފައެވެ.

އިމްޕްލާންޓަބަލް ކާޑިއޯވާޓާޑެފިބްރިލޭޓާ (އައިސީޑީ) ގެ ނަމުން ނަންދެވިފައިވާ މި ކުޑަ ޑިވައިސްއަކީ 24 ގަޑިއިރު ހިތުގެ ހިނގުން މޮނިޓާކޮށް، ފުރާނައަށް ނުރައްކާވާފަދަ ބަދަލެއް އަތުވެއްޖެނަމަ ވަގުތުން ކަރަންޓު ޝޮކެއް ފޮނުވައިގެން ހިތުގެ ވިންދު އާންމު ހާލަތަކަށް ގެނެސްދޭ ސިއްހީ އާލަތެކެވެ. މި ޑިވައިސް ހަރުކުރުމުގެ މުހިންމުކަން މުޅި ދުނިޔެއަށް އަނެއްކާވެސް މިވަނީ ސާފުވެފައެވެ.

މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ޑެންމާކާއި ޔޫކްރެއިން ބައްދަލުކުރި ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި، އެރިކްސަން އަނެއްކާވެސް ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ.

ނަމަވެސް، މިފަހަރު އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ހަށިގަނޑުގައި 2021 ވަނަ އަހަރު ހަރުކޮށްފައިވާ އައިސީޑީ ޑިވައިސްއެވެ.

ޑެންމާކް ގައުމީ ޓީމުގެ ޑޮކްޓަރު މޯޓަން ބޯސެން ވިދާޅުވި ގޮތުގައި، އެ ވަގުތު އެ ޑިވައިސް މަސައްކަތްކުރީ ދުރާލާ ރޭވިފައިވާ ގޮތަށެވެ. އެގޮތުން އެރިކްސަން ކުޑަވަގުތުކޮޅަކަށް ހޭނެތުނު ނަމަވެސް، ޑިވައިސްގެ އެހީގައި ވަރަށް އަވަހަށް ހޭއަރައި، އަމިއްލަ ފައިމައްޗަށް ތެދުވެގެން އެމްބިއުލާންސާ ހަމައަށް ދެވޭވަރުވި ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މިއީ އެރިކްސަންގެ ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ދެވަނަ ހާދިސާއެވެ. މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯ މުބާރާތުގެ މެޗެއްގެ ތެރެއިން އޭނާ ކުއްލިއަކަށް ވެއްޓުނު ވަގުތަކީ މުޅި ފުޓްބޯޅަ ދުނިޔެ ސިއްސުވާލި ސިކުންތުކޮޅެކެވެ.

އެ ފަހަރު މެޑިކަލް ޓީމުން ދަނޑުމަތީގައި ސީޕީއާރް ދީ، ބޭރުން ބޭނުންކުރާ ޑެފިބްރިލޭޓާ (އޭއީޑީ) މެދުވެރިކޮށް ޝޮކްދީގެން އޭނާގެ ފުރާނަ ސަލާމަތްކުރިއިރު، ޑޮކްޓަރުން ބުނެފައިވަނީ އެ ވަގުތު އެރިކްސަންގެ ހިތް މުޅިން ހުއްޓުނު ކަމަށެވެ.

އެ ބިރުވެރި ހާދިސާއަށްފަހު ކުރިމަތިވި ސިއްހީ ގޮންޖެހުންތަކުން އަރައިގަނެ، ހަށިގަނޑުގައި އައިސީޑީ ޑިވައިސްއެއް ހަރުކޮށްގެން އޭނާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައީ ގިނަ ބަޔަކު އުންމީދުވެސް ނުކޮށް ހުއްޓައެވެ. އަދި އިއްޔެ އެ ޑިވައިސްގެ ސަބަބުން އޭނާގެ ފުރާނަ ދެވަނަ ފަހަރަށް މިވަނީ ސަލާމަތްވެފައެވެ.