އައްޑޫ ސިޓީގައި މިދިޔަ ހަފުތާ ހިނގި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ މިއަދު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވީ އައްޑޫ ސިޓީ، ހިތަދުއަށް އުފަން ރަމީޒް އަބްދުﷲއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ވީޑިއޯގައި ފެންނަނީ ހިތަދޫގެ މަގަކުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މަންޒަރެވެ. އަދި މީހަކު ވިއްސައިގެން ގޮސް ވެއްޓޭ މަންޒަރު ވެސް ފެނެއެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު ރަމީޒު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވީ މިއަދުއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.