ދުއާ ލިޕާގެ ކައިވެނީގައި ބައިވެރިވި މެހެމާނުންނަށް 300,000 ޕައުންޑުގެ އަގުހުރި ހަދިޔާތަކެއް
ދުއާ ލިޕާގެ ކައިވެނީގައި ބައިވެރިވި މެހެމާނުންނަށް 300,000 ޕައުންޑުގެ އަގުހުރި ހަދިޔާތަކެއް

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕޮޕް ލަވަކިޔުންތެރިޔާ ދުއާ ލިޕާ އާއި "ފެންޓާސްޓިކް ބީސްޓްސް"ގެ އެކްޓަރު ކެލަމް ޓާނާ އިޓަލީގެ ޕަލާމޯގައި ބޭއްވި ކައިވެނި ހަފްލާގައި ބައިވެރިވި މެހެމާނުންނަށް 300,000 ޕައުންޑުގެ އަގުހުރި ހަދިޔާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ދުއާ ލިޕާގެ ކައިވެނީގައި ބައިވެރިވި މެހެމާނުންނަށް 300,000 ޕައުންޑުގެ އަގުހުރި ހަދިޔާތަކެއް
ދުއާ ލިޕާގެ ކައިވެނީގައި ބައިވެރިވި މެހެމާނުންނަށް 300,000 ޕައުންޑުގެ އަގުހުރި ހަދިޔާތަކެއް

ލަންޑަނުގައި ބޭއްވި ކައިވެނީގެ ކުޑަ ރަސްމިއްޔާތަށްފަހު މި ދެމަފިރިން ވަނީ އިޓަލީގެ ޕަލާމޯގައި ތިން ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ކުލަގަދަ ކައިވެނީގެ ހަފުލާއެއް ބާއްވާފައެވެ. ޕަލާމޯގައި ބޭއްވި މި ހަފްލާގައި ގާތްގަނޑަކަށް 200އެއްހާ މެހެމާނުންނަށް ދައުވަތު ދެވުނުއިރު އޭގެ ތެރެއިން ކޮންމެ މީހަކަށް، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ލޭ ކްރޫޒޭ'ގެ ކައްކާ ސެޓެއް ހަދިޔާއެއްގެ ގޮތުގައި ލިޕާގެ ދެމަފިރިން ދީފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ދުއާގެ ދެމަފިރިންނަށް ވަނީ ލިބިފައެވެ. އެތައް މިލިއަން ޑޮލަރެއްގެ އަގުބޮޑު މާހައުލަކާއި ދުނިޔޭގެ ނަން މަޝްހޫރު، ނުފޫޒުގަދަ ފަންނާނުން ބައިވެރިވި މިހަފްލާގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ވެސް ދުއާ އާއި ފިރިމީހާ ކެލަމްގެ ފަރާތުން މެހެމާނުންނަށް ކުރި މި ހަދިޔާތަކަށެވެ.

ދުއާ އާއި ކެލަމް އިޓަލީގައި ބޭއްވި ކައިވެނީގެ ހަފްލާގައި މެހެމާނުންނަށް ހަަދިޔާކުރި ކަމަށް ރިޕޯޓުތަކުން ބުނެފައިވާ ކައްކާ ސެޓުގެ ބައެއް ސަމާނު ހިމެނޭ ސެޓެއް--ފޮޓޯ/އެމެޒޯން

ގިނަ ކައިވެނިތަކުގައި މެހުމާނުންނަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ދީ އުޅެނީ ކުޑަ އުުުުުއްބައްތިއެއް ފަދަ އެއްޗެއް ނަމަވެސް، ލިޕާ އާއި ޓާނާ އިހުތިޔާރުކުރީ ޖީލުތަކަށް ދެމިގެންދާ ފަދަ ފެންވަރު ރަނގަޅު ލަގްޒަރީ ސާމާނު ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މެހުމާނުންނަށް މި ހަދިޔާތައް ދިނުމަށް އެކަނިވެސް ގާތްގަނޑަކަށް 380,000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޭދަކުރެވުނުއިރު، ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ލީ ކްރޫސޭ'ގެ 12 'ޕީސް'ގެ ކައްކާ ސެޓެއް ބާޒާރުގައި އާންމުކޮށް ވިއްކަނީ 1,000 އާއި 1,500 ޑޮލަރާ ދެމެދުގެ އަގުތަކުގައެވެ.

އިޓަލީގައި ބޭއްވި ލިޕާ އާއި ޓާނާގެ ކައިވެނީގެ ކުލަގަދަ ހަފުލާ ބޭއްވީ 18 ވަނަ ގަރުނުގެ ތާރީހީ ބިނާއެއް ކަމަށްވާ 'ވިލާ ވަލްގުއާނޭރާ'ގައެވެ. "ކުޑަ ވާސައި"ގެ ނަމުން މަޝްހޫރުވެފައިވާ މި ގަނޑުވަރުގައި ބޭއްވި 1.73 މިލިއަން ޑޮލަރުގެ މި ހަފުލާ އަކީ "އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކައިވެނި" ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

ދުއާ ލިޕާ އާއި ކެލަމް ޓާނާ ލަންޑަންގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/ވޯގް

މިޝެލިން ސްޓާ ލިބިފައިވާ ޝެފް ޓޯނީ ލޯ ކޮކޯ ތައްޔާރުކުރި ސިސިލީގެ ހާއްސަ މީރު ކާނާތައް މެހުމާނުން އިންސާފުކުރިއިރު މި ކައިވެނީގެ ހަފްލާގައި ބައިވެރިވި މަޝްހޫރުން ފަންނާނުންގެތެރޭ، ފެޝަން އައިކަން ޑޮނަޓެއްލާ ވާސާޗޭ، މިއުޒިކް ތަރިން ކަމަށްވާ ޗާލީ އެކްސްސީއެކްސް އާއި ޓްރޯއީ ސިވަން، އެކްޓަރު ޖޯ އެލްވިން އަދި ޕްރޮޑިއުސަރު މާކް ރޮންސަންގެ އިތުރުން މި ޖޯޑުގެ ގާތް އެކުވެރިޔާ އެލްޓަން ޖޯން ހިމެނެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި މަގުތައް ބަންދުކުރުމުގެ ސަބަބުން ޕަލާމޯގެ ބައެއް ރައްޔިތުން ކޮންމެވެސް ވަރަކަށް ނުރުހުން ފާޅުކުރި ނަމަވެސް، ސިޓީގެ އިސްވެރިން ވަނީ މި ހަފުލާގެ ސަބަބުން އެ ރަށަށް ލިބުނު މަޝްހޫރުކަމަށް ތައުރީފުކޮށްފައެވެ.

މި ކައިވެނީގެ ހަފުލާގެ ސަބަބުން އެ ސިޓީގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޕަލާމޯގެ މޭޔަރު ރޮބާޓޯ ލަގައްލާ ވަނީ ވިދާޅުވެފައެވެ.