09 Jun 2026, 17:23
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް، ގްރޫޕް ސްޓޭޖުގައި އީރާން ކުޅޭ މެޗުތައް ބެލުމަށް އެ ގައުމުގެ ސަޕޯޓަރުންނަށް ދީފައިވާ ޓިކެޓް ކޯޓާ ވަނީ ބާތިލްކޮށްފައެވެ.
މިކަން ހާމަކޮށްފައިވަނީ އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފް.އެފް.އައި.އާރު.އައިނެވެ.
ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ މި މުބާރާތުގައި އީރާން ކުޅެން ހަމަޖެހިފައިވަނީ ނިއު ޒީލެންޑް، ބެލްޖިއަމް އަދި މިސުރާ ދެކޮޅަށެވެ. ފީފާގެ ގަވާއިދު ބުނާގޮތުން ކޮންމެ ގައުމަކަށްވެސް އެ ގައުމެއް ކުޅޭ މެޗުތަކުގެ 8 އިންސައްތަ ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް ލިބެއެވެ.
އީރާނުން މިހާރު ޓިކެޓް ވިއްކަން ފަށާފައިވީ ނަމަވެސް، އެ ޓިކެޓްތައް ސަޕޯޓަރުންނަށް ނުދެވޭނެކަން އަންގާފައިވާތީ، ދަތުރުމަތީގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގިނަ ސަޕޯޓަރުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަޕޯޓަރުންނަށް ގާނޫނީ ގޮތުން ހައްގުވާ ޓިކެޓްތައް ނުދިނުމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ރޫހާ ޚިލާފު، އަދި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމުގެ އުސޫލާވެސް ޚިލާފު އަމަލެއް ކަމަށެވެ.
އަދި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތެރެއަށް ކުޅިވަރާ ނުގުޅޭ ސިޔާސީ ނުފޫޒުތައް ވަދެފައިވާކަމުގެ ކަންބޮޑުވުން އެފަރާތުން ވަނީ ފާޅުކޮށްފައެވެ. އަދި ފީފާއިން ހަމަހަމަކަމާއި އަދުލުވެރިކަމުގެ އުސޫލުތައް ދެމެހެއްޓުމަށްވެސް ވަނީ ގޮވާލާފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން، އީރާނުން ވޯލްޑް ކަޕްގައި ކުރިއަށް ދިޔުމަށް ވަނީ ގިނަ ހުރަސްތަކަކާ ކުރިމަތިވެފައެވެ. އެމެރިކާއިން އީރާނުގެ ޓީމު ހޯސްޓްކުރަން ބޭނުންނުވާކަމަށް ބުނުމާ ގުޅިގެން، އެ ޓީމުގެ ޓްރެއިނިންގ ކޭމްޕް ވަނީ އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފައެވެ.
ވިސާގެ ޝަރުތުތައް ހުރިގޮތުން އީރާން ޓީމަށް ޖެހޭނީ ގްރޫޕް ސްޓޭޖުގެ 3 މެޗު ކުޅޭ ދުވަހުވެސް މެޗަށް އެމެރިކާއަށް އެތެރެވެފައި މެޗު ނިމުމުން ވަގުތުން އެނބުރި ދާށެވެ. މީގެ އިތުރުން އީރާން ޓީމުގެ މުހިންމު 15 އޮފިޝަލަކަށް އެމެރިކާއިން ވަނީ ވިސާ ދިނުމަށް އިންކާރުކޮށްފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ އީރާނުގެ ކުޅުންތެރިންނަށް މުބާރާތުގައި މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
މީގެ ކުރިން އޭޕްރީލް މަހު ކެނެޑާގައި ބޭއްވި ފީފާގެ އަހަރީ ކޮންގްރެސްގައިވެސް އީރާނަށް ބައިވެރިވެވިފައި ނުވަނީ، ކެނެޑާގެ ބޯޑަރުން އީރާންގެ އޮފިޝަލުން އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.