މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ވައްކަންކުރި ކަމަށާއި އެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކުރެއްވުމުން ދެއްވީ އިންޒާރު ކަމަށް އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ޝައްމާނަށް ހުކުމްކުރަން މިއަދު 4:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. އެކަމަކު، އޭގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓު ކުރިމަތީ ހުންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމުގައި އޭނާ ވަނީ ކޯޓާ ފީން ވައްކަންކުރިކަމުގެ ބޮޑު ތުހުމަތެއް ހޯމް މިނިސްޓަރަށް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީން ގެންނަން ދައްކަންޖެހޭ ކޯޓާ ފީއާއި ވޯޓް ޕާމިޓް އެޕްރޫވްކުރަން މިނިސްޓަރު އިހުސާން ހިންގެވި "ޖަރީމާއެއް" އޭނާ ވަނީ ޖަނަވަރީ 16، 2025 ގައި ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައެވެ.

އެ ގޮތުން، ކޮންމެ ކޯޓާއަކުން 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު ނަގާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މިކަން ކުރާ ވާހަކަ ރައީސަށް ދަންނަވާ އެ ކަމުގެ ހެކި ރައީސަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ: މިނިސްޓަރު އިހްސާނާ ދެކޮޅަށް ޝައްމާން ޒާތީގޮތުން ކަންކަންކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހުސާން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކަ އެއީ ހަގީގަތެއް ނަމަ ދަންނަވަން، ލޯޔަލް ވުމަކީ ތިއެއް ނޫން،" ރައީސާ ހަވާލާދީ ޝައްމާން ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖޭގެ މައި ދޮރާށި މިނިސްޓަރު އިހުސާން ބޭނުންފުޅުވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެ ކަންކަން ހުއްޓުވަން މަސައްކަތްކުރުމުންނާއި އެ ކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ޝައްމާނަށް ރައީސް މުއިއްޒު ސީދާ ގުޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، މި ކަމުގައި ރައީސް މުއިއްޒު ވެސް ބައިވެރިވާ ކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ.

"އެ މައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅި ދުވަހު 'މި ކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ' ކަމަށް ވިދާޅުވެ، ކޯފާއިސްކުރައްވާ އަޅުގަނޑަށް އިންޒާރުދެއްވި،" ޝައްމާން ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ބޯޑާ ކޮންޓްރޯލް ވިއްކާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިހުސާނެވެ. އެ މައްސަލައާ ގުޅޭ ހެކި ވެސް ފުލުހުންގެ އަތުގައި މިހާރު އޮތް ޝައްމާންގެ ފޯނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް އެކަން ސިއްރިއްޔާތުގައި ހިނގާކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ.

އެ ކޮރަޕްޝަންގައި ރައީސް މުއިއްޒު ބައިވެރިވާކަމަށް ތުހުމަތުކުރެވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ވަނީ އެނގިހުންނަވާ އެ މައްސަލައިގައި ފިޔަވަޅު ނޭޅުމަކީ ވެސް ކޮރަޕްޝަން ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމުގެ ހެކި ސީދާ ޝައްމާން ރައީސަށް އެރުއްވިން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެފަދައިން ކުރީ ސަރުކާރުގެ މިނިސްޓަރަކު ކުރެއްވި އެފަދަ ކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމަށް ވުރެ ރަނގަޅުވާނީ ސީދާ ރައީސަށް ދެންނެވުން ކަމަށް ވިސްނިގެން ކަމަށް ޝައްމާން ވިދާޅުވިއެވެ.

ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ. އެކަމަކު، ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދައުވާ ވެސް ޝައްމާންގެ މައްޗަށް ސާބިތުވާކަމަށް ހުކުމްކޮށްފައެވެ.

ހުކުމްކުރުމުގެ އަޑުއެހުމަށް ވަންނަމުން ވެސް ޝައްމާން ވަނީ އޭނާ ފްރޭމްކުރީ ކަމަށް ތުހުމަތުކުރައްވާފައެވެ.

މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށް ފަހު، މިދިޔަ ޑިސެންބަރު 25 އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ބައެއް ސިޔާސީ ކަންކަމުގައި ވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ވެސް މިނިސްޓަރު އިހުސާން އިސްތިއުފާދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ. ޝައްމާން މިއަދު ވިދާޅުވި ގޮތުގައި އެ މީހުން ދޫކޮށްލީ މިނިސްޓަރު އިހުސާންގެ އެންގެވުމަށެވެ.

ޝައްމާން ވަނީ އޭނާ ޖަލަށްލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ޝައްމާން ފްރޭމްކުރީ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެޑިޓަރުގެ ނޯޓް: މި ޚަބަރު ފުރަތަމަ ޕަބްލިޝްކުރިއިރު، ބަންޑާރަނައިބު އަހުމަދު އުޝާމް ވައްކަންކުރި ކަމަށް ޝައްމާން ތުހުމަތުކުރެއްވިކަމުގައި ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. ޝައްމާން ތުހުމަތުކުރެއްވީ ބޯޑާ ކޮންޓްރޯލް ވިއްކާލުމުގައި އުޝާމް އިސްކޮށް އުޅުއްވި ކަމަށެވެ. އެ ކުށަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.