ރައީސަށް ނިސްބަތްކުރައްވައި ޝައްމާން ދެއްކެވީ ދޮގު ވާހަކަތަކެއް: ތަރުޖަމާނު
ރައީސަށް ނިސްބަތްކުރައްވައި ޝައްމާން ދެއްކެވީ ދޮގު ވާހަކަތަކެއް: ތަރުޖަމާނު

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ދެއްކެވީ ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ދޮގުކުރައްވައިފިއެވެ.

ދައުލަތުން ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ހުކުމް ކުރުމަށް ތާވާލުކޮށްފައި އޮތީ މިއަދު ހަވީރު 04:00 ޖަހާއިރަށެވެ. މިގޮތުން، ދައުލަތުން ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެ ތިން ދައުވާ ވެސް ސާބިތުވިއެވެ.

މިއަދުގެ އަޑުއެހުމަށް ވަޑައިގަތުމުގެ ކުރިން ޝައްމާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ޝައްމާން މިއަދު ކްރިމިނަލް ކޯޓަށް ވަދެވަޑައިގަންނަވަނީ --- ސަންފޮޓޯ/ ޝާތިއު އަބްދުﷲ

އެ ބައްދަލުވުމުގެ ކުރިން ޝައްމާން ވަނީ މައްސަލައާ ގުޅޭ ޓްވީޓުތަކެއް ކުރައްވާފައެވެ. އެ ޓުވީޓުތަކުގައި ވަނީ ރާއްޖޭގެ މައި ދޮރު، ބޯޑަ ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވަނީ ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޝައްމާން މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ލިޔުއްވާފައިވެއެވެ.

އެ މައްސަލައިގައި އެންމެ ފަހުން ރައީސް ގުޅުއްވި ދުވަހު "މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ" ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވައި އިންޒާރު ދެއްވި ކަމަށް ޝައްމާން ވިދާޅުވިއެވެ. އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމާށް ތުހުމަތު ކުރައްވައި، އެކަމާ ގުޅޭ ހެކި، އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ޝައްމާން ލިޔުއްވިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ފުލުހުންގެ އަތުގައިކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރަށް، އޭނާގެ މައްޗަށް ދައުވާ ކުރަނީ ހެއްކެއް ނެތި ދައުލަތުގެ ވެރިން އަންގަވައިގެން ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ. އަދި އެ ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ވާހަކަތަކާ ގުޅިގެން ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް މުއިއްޒަށް ނިސްބަތް ކުރައްވައި ޝައްމާން ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ.

މުންދު އެ ފަދައިން ވިދާޅުވިއިރު، ޝައްމާންގެ މައްޗަށް މަނީ ލޯންޑާ ކުރުމާއި، ފޭރުމުގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝައްމާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ.