09 Jun 2026, 22:21
ތައިލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ބެންކޮކް އެއާވޭސްއިން މި ދެމެދުގައި ކުރާ ދަތުރުތައް މި އަހަރަށް މެދުކަނޑާލައިފިއެވެ.
މި ނިންމުން ނިންމިކަން ހާމަކޮށްފައިވަނީ، އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. މިގޮތުން، އެ އެއާލައިނަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފިރާގު ވަނީ ބެންކޮކް އެއާވޭސްއިން މަހަކު 2،000އަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ވިދާޅުވެފައެވެ.
އުންމީދަކީ އަންނަ އަހަރުގެ ހޫނު މޫސުމަށް އެ އެއާލައިނުން ދަތުރުތައް ފެށުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިތުރު ތަފުސީލު ދެއްވަމުން ފިރާގު 'ސަން'އަށް ވިދާޅުވީ، މި އަހަރު ތެރޭގައި ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ނުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް، ޕްރޮމޯޝަންތައް ވަރުގަދަކޮށް، އެކަން ބަދަލު ކުރެވިދާނެ ކަމަށް ފިރާގު ގަބޫލުކުރައްވައެވެ.
"މިސާލަކަށް ޚަރަދު ކަވާ ނުވާ ކަހަލަ ދުވަސްތަކަށް ޑިސްކައުންޓް ސްކީމެއްގެ ތެރެއިން ޕްލޭން ކުރެވިގެން ދޭ ކަމަށްވަންޏާ ސަސްޓެއިން ކުރެވިދާނެ. އެކަމަކު މި ގެއްލެނީ ވަރަށް ބޮޑު އެއްޗެއް،" އޭނާ ވިދާޅުވިއެވެ.
ފިރާގު އެ ފަދައިން ވިދާޅުވި ނަމަވެސް، ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މެއި މަހުގެ ތެރޭގައި އިންޑިއާގެ ނިއުދިއްލީއާއި މާލެއާ ދެމެދު އެއާ އިންޑިއާ ކުރާ ދަތުރުތައް އޮގަސްޓް މަހުގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.