ތުހުމަތުތައް ދޮގުކުރައްވައި އޭޖީ: އަޅުގަނޑު ނުވަތަ ސަރުކާރުން ޝައްމާން ފްރޭމްކުރަންޖެހޭ ސަބަބެއް ނޯންނާނެ
ތުހުމަތުތައް ދޮގުކުރައްވައި އޭޖީ: އަޅުގަނޑު ނުވަތަ ސަރުކާރުން ޝައްމާން ފްރޭމްކުރަންޖެހޭ ސަބަބެއް ނޯންނާނެ

ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝައްމާން ވަހީދު ކުރެއްވި ތުހުމަތުތައް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ދޮގުކުރައްވައިފިއެވެ.

މަނީލޯންޑަރިންގެ ކުށުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް ސާބިތުވި ހުކުމުގެ ކުރިން ޝައްމާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ މައި ދޮރާށި ހޯމް މިނިސްޓަރު އަލީ އިހުސާން ބޭނުންފުޅުވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެ ކަންކަން ހުއްޓުވަން މަސައްކަތްކުރުމުންނާއި އެ ކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ޝައްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ ގުޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، މި ކަމުގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވާ ކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ބޯޑާ ކޮންޓްރޯލް ވިއްކާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަނައިބު އުޝާމާއި އިހުސާނެވެ. އެ މައްސަލައާ ގުޅޭ ހެކި ވެސް ފުލުހުންގެ އަތުގައި މިހާރު އޮތް ޝައްމާންގެ ފޯނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް އެކަން ސިއްރިއްޔާތުގައި ހިނގާކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ.

ޝައްމާން މިއަދު ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން އާއިލާއެކު --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އުޝާމް ވަނީ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މިގޮތުން، ސަރުކާރުން ނުވަތަ އޭޖީ ޝައްމާން ފްރޭމް ކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ، ޝައްމާންގެ މައްޗަށް ދައުވާކުރީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުމުގެ މައްސަލައެއްގައި ކަމަށެވެ. އެެއީ ސިޔާސީ މައްސަލައެެއް ވެސް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށް ފަހު، މިދިޔަ ޑިސެންބަރު 25 އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ބައެއް ސިޔާސީ ކަންކަމުގައި ވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ވެސް މިނިސްޓަރު އިހުސާން އިސްތިއުފާދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ. ޝައްމާން މިއަދު ވިދާޅުވި ގޮތުގައި އެ މީހުން ދޫކޮށްލީ މިނިސްޓަރު އިހުސާންގެ އެންގެވުމަށެވެ.

ޝައްމާން ވަނީ އޭނާ ޖަލަށްލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ޝައްމާން ފްރޭމްކުރީ ކަމަށް ތުހުމަތުކުރައްވާފައެވެ.