ހެއްވާ މަޖާ ފިލްމު 'ދަމާލް 4' އަންނަ މަހު ސިނަމާތަކަށް
ހެއްވާ މަޖާ ފިލްމު 'ދަމާލް 4' އަންނަ މަހު ސިނަމާތަކަށް

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އާއި ރިތޭޝް ދޭޝްމުކް މުހިއްމު ރޯލްތަކުން ފެންނާނެ ހެއްވާ މަޖާ ފިލްމު "ދަމާލް 4" ސިނަމާތަކަށް ގެންނާނެ ތާރީހު އިއުލާނުކޮށް ފިލްމުގެ އާ ލޯގޯ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އިންދަރު ކުމާރު ޑައިރެކްޓްކުރާ މި ފިލްމުގައި އަޖޭ އާއި ރިތޭޝްގެ އިތުރުން ވަރަށް ގިނަ ހެއްވާ މަޖާ ރޯލްތައް ކުޅެފައިވާ އެކްޓަރު އަރްޝަދު ވަރްސީ ވެސް މުހިއްމު ރޯލެއް ކުޅޭނެއެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ފްރެންޗައިސް "ދަމާލް"ގެ ހަތަރު ވަނަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ކުރިން މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މި އަހަރުގެ މާޗް މަހުއެވެ. ނަމަވެސް ފަހުން ޖޫން 12އަށް ތާރީހު ބަދަލުކުރުމަށްފަހު، ފިލްމު ރިލީޒްކުރާ ތާރީހަށް މިވަނީ އަނެއްކާވެސް ބަދަލު ގެނެސްފައެވެ.

ފިލްމު "ދަމާލް 4"ގެ ލީޑް ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރްސީ އަދި ޖާވިދު ޖެފްރީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމުގެ ރަސްމީ އިންސްޓަގްރާމްގައި ބުނެފައިވަނީ "މި އަހަރުގެ އެންމެ މަޖާ އަދި ފޯރިގަދަ ޚަޒާނާ ހޯދުމުގެ ދަތުރު ޖުލައި 10 ގައި ފެށޭނެ" ކަމަށެވެ.

މި ފިލްމުގައި އަޖޭ، ރިތޭޝް، އަރްޝަދު އަދި ޖާވިދު ފެންނާނީ އެމީހުން ކުރީގެ ފިލްމުތަކުގައި ވެސް ކުޅުނު ރޯލުތަކުންނެވެ. "ދަމާލް" ސީރީޒަކީ ބޭކާރު ކަންކަމުގައި އުޅޭ ރޯއީ (ރިތޭޝް)، މާނަވް (އަރްޝަދު) އަދި އަދީ (ޖާވިދު) ކިޔާ ތިން ރަޙުމަތްތެރިން، ފޮރުވިފައިވާ ހަޒާނާއެއް ހޯދުމަށް ކުރާ މަސައްކަތާއި، އެ ދަތުރުގައި ދިމާވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކެކެވެ.

ޓީ-ސީރީޒް، މަރޫތީ ފިލްމްސް އަދި ދޭވްގަން ފިލްމްސް ގުޅިގެން އުފައްދާ "ދަމާލް 4"އަށް މިފަހަރު އާ ތަރިންތަކެއް ވެސް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ރަވީ ކިޝަން، ސަންޖޭ މިޝްރާ، އުޕެންދްރާ ލިމާޔޭ، އީޝާ ގުޕްތާ، ސަންޖީދާ ޝެއިޚް އަދި އަންޖަލީ އާނަންދު ހިމެނެއެވެ.