ނަޝީދު ނުލައި ވެސް، ޞާލިޙް ނުލައި ވެސް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވާނެ: ފިއްޓޭ
ނަޝީދު ނުލައި ވެސް، ޞާލިޙް ނުލައި ވެސް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވާނެ: ފިއްޓޭ

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތެރެއިން އެއް ބޭފުޅަކު ވެސް ނުލައި، އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިރޭ ވިދާޅުވެއްޖެއެވެ.

ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމުގެ ކެމްޕެއިން ޖަލްސާގައި ފިއްޓޭ ވިދާޅުވީ، އެމްޑީޕީއަށް 2028 ކާމިޔާބު ކުރަން ބޭނުންނަމަ ތިން ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ފުރަތަމަ ކަމަކަށް ފިއްޓޭ ފާހަގަކުރެއްވީ، ޕާޓީ އެކުގައި ގަދަކޮށް ތިބުން ކަމަށެވެ. ދެން ފިއްޓޭ ވިދާޅުވީ، އިންސާފުވެރި ޕްރައިމަރީއެއް ބޭއްވުމާއި އަންނަ ހުކުރު ދުވަހު މީކާއިލަށް ވޯޓު ދިނުން ކަމަށެވެ.

މީކާއީލާ ވާދަކުރައްވަނީ ނަޝީދު ކަމަށްވާއިރު، ފިއްޓޭ ވިދާޅުވީ، މީކާއީލަށް ވޯޓުލާން ވިދާޅުވަނީ ނަޝީދަށް އިޚުތިރާމު ނުކުރާތީ ނުވަތަ ލޯބި ނުވާތީ ނޫން ކަމަށެވެ.

މީކާއިލްގެ ކެމްޕެއިން ޖަލްސާގައި ފިއްޓޭ ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވީ މި އިންތިޚާބުގައި ނަޝީދަށް ތާއިދު ނުކުރައްވަނީ، އެއް ފަހަރު ޕާޓީ ދޫކޮށް ވަޑައިގަތް ތަން ފެނުމުން ކަމަށެވެ.

ފިއްޓޭ އެ އިޝާރަތްކުރެއްވީ، 2023ގައި އެމްޑީޕީގައި ބައިބައިވުން އުފެދި ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތް ދުވަސްވަރަށެވެ.

އޭރު އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އަދި، ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރި ނަމަވެސް ކާމިޔާބު ވެޑައެއް ނުގެންވިއެވެ. އޭގެފަހުން، މިދިޔަ އަހަރުގެ ތެރޭގައި ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، 2023ގެ ރިޔާސީ އިންތިޚާބު ޞާލިޙަށް ނާކާމިޔާބުވީ، އެމްޑީޕީގައި އޭރު އުފެދުނު ބައިބައިވުމާ ގުޅިގެންނެވެ.

ފިއްޓޭ ވަނީ، ރައީސް ނަޝީދާއި ޞާލިޙާ ނުލައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

ރައީސް ނަޝީދާ ނުލައެއް ވެސް މި ކަމެއް ނުވާނެ. އެ ވެސް ހަގީގަތެއް. އެ ވާހަކަ އަޅުގަނޑަށް މިހެން ބުނަން ކެރޭއިރުގައި އެ ކޮޅުން ވެސް ބުނަން ޖެހޭނެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ނުލައެއް ވެސް މި ކަމެއް ނުވާނެވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ފިއްޓޭ އެފަދައިން ވިދާޅުވިއިރު، އަންނަ ހުކުރު ދުވަހު ބާއްވާ ޗެއާޕާސަން އިންތިޚާބަށް ވެސް އެމްޑީޕީގެ ތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.

ރައީސް ނަޝީދާއެކުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ހުންނެވިއިރު، ރައީސް ޞާލިހާއި އެ މަނިކުފާނުގެ ޓީމް ތިއްބެވީ މީކާއިލަށް ތާއިދުކުރައްވައިގެންނެވެ. ދެ ފަރާތުން ވެސް ވަރުގަދަ ކެމްޕެއިންތައް ކުރައްވައި، ބަހުގެ ހޫނު ހަމަލާތައް އަންނަނީ ރައްދުކުރައްވަމުންނެވެ.