އޮޕަރޭޝަނެއްގައި ކަނޑުމަތީ ހަރަކާތްތެރިވި ފުލުހަކު މަރުވެފައި އޮއްވައި ރޭ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.

މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަރުވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ.

ހަރަކާތްތެރިވީ ކޮން އޮޕަރޭޝަނެއްގައި ކަމެއް, އަދި ކަންކަން ހިނގައި ދިޔައީ ކިހިނެއް ކަމެއް ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން," އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.