ސިފައިންގެ 72ވަނަ އަސާސީ ތަމްރީން ކޯހުން 137 ސިފައިން ދަސްވެނިވެއްޖެ
ސިފައިންގެ 72ވަނަ އަސާސީ ތަމްރީން ކޯހުން 137 ސިފައިން ދަސްވެނިވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގި، އަސާސީ ތަމްރީނު ކޯހުގެ 72ވަނަ ބެޗުން 137 ސިފައިން މިއަދު ދަސްވެނިވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އައްޑޫ ޓްރެއިނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ މިނިސްޓަރު، ޙަސަން ރަޝީދެވެ. މި

ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވައި، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މި ފަހަރުގެ ކޯހުން ޖުމްލަ 137 ދަރިވަރުން ދަސްވެނިވެފައިވާއިރު، މުޅި ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދެވެ.

ސިފައިންގެ 72ވަނަ އަސާސީ ތަމްރީން ކޯހުން 137 ސިފައިން ދަސްވެނިވުމުގެ ރަސްމިއްޔާތަށް ޑިފެންސް މިނިސްޓަރު ވަޑައިގަންނަވަނީ --- ފޮޓޯ: އެމްއެންޑީއެފް

އެހެނިހެން ފާހަގަކޮށްލެވޭ ވަނަތަކަށް ބަލާއިރު:

  • ހަށިހެޔޮކަމުން އެއްވަނަ (ކޮމާންޑަރު މޮޓަރު ޙަސަން މަނިކު އެވޯޑް): ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާން

  • ހެވިކަމަށް އެންމެ މޮޅު ދަރިވަރު (ކޮމާންޑަރު އިސްމާޢީލް ދީދީ އެވޯޑް): ޕްރައިވެޓް އަނޫސް މުޙައްމަދު
  • އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރު (މޭޖަރު އިނގިރޭސި ޢުމަރު މަނިކު އެވޯޑް): ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރު

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ.

ދަސްވެނިވި ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރުވަނީ ސިފައިންގެ ޚިދުމަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހަކީ، ސިފައިންގެ ޚިދުމަތަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމަށާއި، ޤައުމިއްޔަތަށް ލޯބިކުރާ އަޚްލާޤު ރަނގަޅު ސިފަވަންތަ ބަޔަކު ބިނާކުރުމަށް ހިންގޭ ތަމްރީނެކެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ އިސް އޮފިސަރުންނާއި، މުދައްރިބުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.