އެންސިސްއިން ކުރީގެ ވަޒީރަކަށް ލައްކައެއްހާ ޑޮލަރު ދައްކަން ހުކުމެއް
އެންސިސްއިން ކުރީގެ ވަޒީރަކަށް ލައްކައެއްހާ ޑޮލަރު ދައްކަން ހުކުމެއް

ހުޅުމާލޭގެ ވޯޓާ ފްރަންޓް އޭރިއާގައި އިމާރާތް ކުރާ އެންސިސްގެ "އައިރާ" ޕްރޮޖެކްޓްގެ އެޕާޓްމެންޓް، އެއްބަސްވި މުއްދަތުގައި ނިންމައި ހަވާލު ނުކޮށްގެން، ކުރީގެ ހެލްތު މިނިސްޓަރ ޑރ. އާމިނަތު ޖަމީލަށް ލައްކައެއްހާ ޑޮލަރު ދައްކައި، އަދި އެޕާޓްމެންޓް ހަވާލު ކުރެވެންދެން ކޮންމެ މަހަކު 2500 ޑޮލަރު ދައްކަން އެންސިސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.

ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ 94 އެޕާޓްމަންޓް ހިމެނޭ ރެސިޑެންޝަލް ކޮމްޕްލެކްސެއް ހުޅުމާލޭގައި ތަރައްގީ ކުރުމުގެ މަޝްރޫއު، އެންސިސް ކުންފުނިން އިފްތިތާހުކޮށްފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ތެރޭގައެވެ.

އައިރާ އެޕާޓްމެންޓުތައް އިފްތިތާހު ކުރިއިރު، އެންސިސްއިން ބުނެފައިވަނީ އެ އެޕާޓްމެންޓް ކޮމްޕްލެކްސްގައި ތިން ކޮޓަރީގެ 45 އެޕާޓްމެންޓާއި، ދެ ކޮޓަރީގެ 26 އެޕާޓްމެންޓް އަދި އެއް ކޮޓަރީގެ 13 އެޕާޓްމެންޓް ހިމެނޭނެ ކަމަށެވެ.

ކުރީގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލް-- ސަން ފޮޓޯ

އޭގެ އިތުރުން 10 ޕެންޓް ހައުސް ވެސް އެ ކޮމްޕްލެކްސްގައި ހިމެނޭ ކަމަށް އޭރު އެންސިސްއިން ބުންޏެވެ. އާމިނަތު ޖަމީލް ބައްލަވައިގެންފައިވަނީ އޭގެ ޕެންޓް ހައުސްއެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ އޮގަސްޓް މަހު، އާމިނަތު ޖަމީލްއާ، އެންސިސްއާއެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ހަވާލު ކުރަން ޖެހޭ އެޕާޓްމެންޓް އަދިވެސް ހަވާލުކޮށްފައި ނުވާތީ އާމިނަތު ޖަމީލްގެ ފަރާތުން ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި އާމިނަތު ޖަމީލްގެ ފަރާތުން އެދިފައިވަނީ އެޕާޓްމެންޓް ހަވާލު ކުރެވެންދެން، ކޮންމެ ދުވަހަކަށް 7500 ގެ މަގުން 7،740،000 އަދި ކޮންމެ މަހަކު 70،000 ރުފިޔާގެ އިތުރުން އާމިނަތު ޖަމީލް ދިރިއުޅެން އެހެން އެޕާޓްމެންޓެއްގެ ކުލި ދެއްކުމަށް މަހަކު 2500 ޑޮލަރު އަދި ލޯން ޕްރޮފިޓްގެ ގޮތުގައި ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ ހޯދާށެވެ.

މި ދައުވާއަށް އެންސިސްގެ ފަރާތުން ޝަރިއަތުގައި ޖަވާބުދާރީވެފައި ނުވާއިރު، މައްސަލަ ނިންމާފައިވަނީ އެ ކުންފުނީގެ ގައިރު ހާޒިރުގައެވެ.

އެންސިސްގެ ގައިރު ހާޒިރުގައި ނިންމި މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، އާމިނަތު ޖަމީލް މިހާތަނަށް މަހު ކުލީގެ ގޮތުގައި ހަރަދުކޮށްފައިވާ 92،500 އެމެރިކާ ޑޮލަރު، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި، އަދި އެޕާޓްމެންޓް ހަވާލު ކުރެވެންދެން ކޮންމެ މަހަކުވެސް 2500 އެމެރިކާ ޑޮލަރުގެ ދެއްކުމަށެވެ.

މިދިޔަ ބުދަ ދުވަހު، މި ހުކުމް ކުރެއްވީ ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފްއެވެ.