04 Sep 2026, 18:00

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުން އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

މި އެހީއަކީ އެ ގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޕާލުގެ ބޮޑުވަޒީރު އިއުލާންކުރައްވާފައިވާ "ޑިޒާސްޓަ ރިލީފް ފަންޑް" އަށް ދިނުމަށް ހަމަޖެހިފައިވާ އެހީއެކެވެ.
ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާގެ ސަރަޙައްދުގައި ހިނގި މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ފަރުބަދަމަތީ ސަރަޙައްދަކުން ގްލޭސިޔަ ނުވަތަ ބޮޑު ގަނޑުފެންގަނޑެއްގެ ކަނޑައިގެން ދިޔުމާ ގުޅިގެން، ކޯރުތަކުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.

ނޭޕާލުގައި ފެންބޮޑުވެ ބިންގަނޑުޔ ކަނޑައިގެން ދިއުން -- ފޮޓޯ/ ދި ހިންދޫ
މި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރާފައިވާއިރު، 4,500 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި މި ގުދުރަތީ ކާރިސާގެ ސަބަބުން ނޭޕާލުގެ 1.6 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ފެންބޮޑުވި ސަރަޙައްދުތަކުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، މީހުން ހޯދުމާއި އެހީ ފޯރުކޮށްދިނުމުގައި ސަލާމަތީ ޚިދުމަތްތަކުގެ 21,000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ނޭޕާލުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އޮތް އެއްބައިވަންތަކަން ހާމަކޮށްދިނުމާއި، މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދޭހަވާ ކަމެކެވެ.

ނޭޕާލުގައި ފެންބޮޑުވެ ބިންގަނޑުޔ ކަނޑައިގެން ދިއުން -- ފޮޓޯ/ ދި ހިންދޫ
މި ހާދިސާއާ ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ފުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތުމުގެ އިތުރުން، މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތަކަށް ވެސް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.