04 Sep 2026, 21:37

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 113 މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މަސްވެރިންނަށް މި ލޯނުތައް ދޫކުރަމުން ދަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.
މަސްވެރިޔާ ޕޯޓަލަކީ މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށައެޅޭނެގޮތަށް ޑިޒައިންކޮށްފައިވާ ޕޯޓަލްއެކެވެ.
މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަސްވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް، މޭ މަހުން ފެށިގެން ވަނީ ލޯނު ދޫކުރަން ފަށާފައެވެ.
މި ޕޯޓަލްގެ ސަބަބުން، ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި ސްކީމްތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު މަސްވެރިންނަށް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.

މަސްވެރިންތަކެއް -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް، އަދި މަސްވެރިކަމުގެ ސާމާނު ގަތުމާއި އައު ކުރުމުގެ އިތުރުން ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް ލޯނަށް އެދި ހުށަހެޅޭނެއެވެ.
މީގެ އިތުރުން އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށާއި، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ބުނެ، މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު ވަނީ މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ ވެސް އެއްފަދައިން މަސްވެރިންނަކީ ވެސް ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މަސްވެރިންނަށް ލޯނު ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ.
ހަމައެއާއެކު މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ރުފިޔާ ދޫކުރާ ގޮތަށް ވެސް މި ސަރުކާރުން ހެދިއެވެ.
މި އަހަރު މިހާތަނަށް މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރުވައި މަސްވެރިންނަށް ފައިސާ ދޫކުރީ އޭޕްރިލް މަހެވެ. އެ މަހު އެކަނި ވެސް 4،414 ޓަނުގެ މަސް ކިރުވައި 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މި އަހަރު މަސްވެރިކަން އެންމެ ދަށް ކަމަށް ދައްކަނީ ޖޫން މަހެވެ.