މާލެ ސަރަހައްދުގައި އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރެޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 13 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ވަނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ފުލުހުންނާ ގުޅިގެން މާލެ ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.

އެއަށްފަހު އެ އިދާރާއިން ވަނީ، މާލެ ސަރަހައްދުގައި އިއްޔެ ޓާސްކް ފޯސްއިން ހިންގި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 426 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް ބަލައިފާސްކޮށްފައިވަނީ މާލޭގެ ކޮން ސަރަހައްދެއް ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އެ އޮޕަރޭޝަނުގައި، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 13 ބިދޭސީއަކު އެ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


ނިމުނު ހަފުތާ ބަންދުގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނުގައި ވަނީ، ގަވާއިދާ ޚިލާފަށް ހުޅުމާލެ ރަށު މާރުކޭޓުގައި މަސައްކަތްކުރަމުންދިޔަ 20 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލެ ރަށު މާރުކޭޓުގައި މަސައްކަތްކުރަމުންދިޔަ ޖުމްލަ 55 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން އޭގެ ތެރެއިން 20 މީހަކު ބަންދުކުރީ ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ނެތުމާއި، ވިސާގެ މުއްދަތު ހަމަވެފައިވުން ފަދަ އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މުޅި ރާއްޖޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.