13 Sep 2026, 15:53

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، 'އިސްލާމިކް ފައިނޭންސް ފަސްޓް' ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުޢީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން މި ބަދަލުތައް ގެނެސްފައިވަނީ އެ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުންނެވެ. އެގޮތުން، މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި، ބޭންކަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އިސްލާމިކް ބޭންކިން އުސޫލުންކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކުގެ މި ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް ވަނީ އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށްފައެވެ. އަދި އެ ބްރާންޗްތަކުން މިހާރު ޚިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެންނެވެ.
ބީއެމްއެލް އިން އިސްލާމިކް ބޭންކިން ޚިދުމަތް ފޯރުކޮށްދެނީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ފަންޑު މުޅީން ވަކިކޮށް، މި ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
"ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުތެރޭ ބޭންކުން ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިންގ ބްރާންޗް ތަކަކަށް ބަދަލުކޮށް، އެ ބްރާންޗްތަކުން މިހާރު ޚިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންގ ހިދުމަތްތަކަށް އިސްކަންދީގެން." ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް: -- ސަން ފޮޓޯ; މުހައްމަދު ޝާތިއު އަބްދުﷲ
މި ބަދަލުތަކާ ގުޅޭ ގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ޚިދުމަތް ތައާރަފުކުރި ފަހުން މިވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ މި ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނައުން ކަމަށް ވިދާޅުވިއެވެ.
އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ޚިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށްދިނުމަށް ނިންމާފައިވީ ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ޚިދުމަތް ލިބޭނެ އިންތިޒާމުވެސް ބޭންކުން ހަމަޖައްސައިދޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން ޚިދުމަތްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ އެކި ޚިދުމަތްތައް ހިމެނެއެވެ.
އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ. އާންމު ފަރުދުންގެ ބޭންކިން ޚިދުމަތްތައް އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ފުޅާކުރުމަށް ބީއެމްއެލް އިން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.