ލެޑު ސްކްރީންތަކުން ދަންވަރު ގަޑީގައި އަޑުގަދަކޮށް އިޝްތިހާރު ދައްކާތީ، މާލެ ސިޓީ ކައުންސިލުން އުސޫލެއް ހަދަނީ
ލެޑު ސްކްރީންތަކުން ދަންވަރު ގަޑީގައި އަޑުގަދަކޮށް އިޝްތިހާރު ދައްކާތީ، މާލެ ސިޓީ ކައުންސިލުން އުސޫލެއް ހަދަނީ

މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުންނަ ލެޑު ސްކްރީންތަކުގެ އަލިގަދަވެ، ދަންވަރު ގަޑީގައި އަޑުގަދަކޮށް އިޝްތިހާރުދައްކާ ކަމުގެ ޝަކުވާތައް ލިބި، ލެޑް ސްކްރީންތައް ހަރުކުރުމާ ގުޅޭ އުސޫލެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ އިއްޔެގެ ރަސްމީ އާންމު ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިހާރު މާލޭގެ ގިނަ މަގުތަކުގައި ލެޑް ސްކްރީން ހަރުކުރަމުން އަންނައިރު، އާންމުންގެ ރައްކާތެރިކަމަށްޓަކައި މި ކަމަށް އުސޫލެއް ހަދަން ޖެހޭ ކަމަށެވެ.

އިއްޔެގެ މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގެ ތެރެއިން ---ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެ ސްކްރީންތަކުގެ އަލިކަމާއި ހަރުކުރެވޭނެ ނިޒާމު ބެލެހެއްޓޭ ގޮތަށް، އުސޫލެއް އެކުވަލާލުމަށް ރެގިއުލޭޓަރީ ކޮމިޓީއަށް ފޮނުވުމަށް ލަބާން ހުށަހެޅުއްވިއެވެ.

މި ކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަގުތަކުގައި ހުންނަ ލެޑް ސްކްރީންތަކުގެ އަލިގަދަވެގެން އުނދަގޫވާ ކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އަދި، ދަންވަރު ގަޑީގައި އަޑުގަދަކޮށް، އިޝްތިހާރު ދެއްކުމުގެ ޝަކުވާތައް ވެސް ހުށަހަޅަމުން އަންނަކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އިންފާރުގެ މައްޗަށް ވެސް ލެޑު ސްކްރީން ހަރުކުރާކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ، އެ ގޮތަށް އެ ކަން ކުރާނަމަ، ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އަދި އެފަދައިން ކަންކަން ހުރުމުން، ލަބާންގެ ހުށަހެޅުއްވުން ރަނގަޅު ކަމަށް މޭޔަރު ގަބޫލުކުރައްވައެވެ.

މި މައްސަލަ ކޮމިޓީއަށް ފޮނުވައިގެން އުސޫލެއް ހެދުމަށް ވޯޓަށް އެހުމުން ފާސްވީ، އެ ޖަލްސާގައި ބައިވެރިވެވަޑައިގެން ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.