ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނީ މިއަދުގެ 01:12 ހާއިރުގައެވެ.

އެއަށްފަހު ދެންމެ ސްޓެލްކޯއިން ވަނީ މާލެ އަދި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށް ބުނެފައެވެ.

ހަމައެއާއެކު އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ޚިދުމަތް ނުލިބިވާނަމަ ސްޓެލްކޯގެ ކޮންޓެކްޓް ސެންޓާ 1545 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ނަމަވެސް ކަރަންޓު ދިއުމަށް މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ކުންފުނިން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑުމުން، ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.