05 Nov 2026, 18:17

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތައް ގެނައުމަށް މިހާރު މަޖުބޫރު ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ހެލްތު އެކްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގީލާ ވިދާޅުވީ، މި އެކްސްޕޯގެ ބޭނުމަކީ ސިއްހީ އަދި އިޖްތިމާއީ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ޚިދުމަތުގައި ބައިވެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދެއްކުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މިނިސްޓްރު ވަނީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ހެޔޮ ބަދަލުތައް ގެނައުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަސްރަތުކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުންފަދަ ކަންކަމަކީ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަން ޖެހޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ.

ހެލްތު އެކްސްޕޯގެ ތެރެއިން --- ފޮޓޯ؛ ރައީސް އޮފީސް
"އާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ. އަދި ފުރިހަމަ ސިއްހަތެއްގައި ނަފްސާނީ ދުޅަހެޔޮކަންމަތީ ތިބުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް،" މިނިސްޓަރު ގީލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަހަރުގެ އެކްސްޕޯގައި ސިއްހީ އަދި އިޖްތިމާއީ ގިނަ ފަރާތްތަކަކާއެކު 60 އަށްވުރެ ގިނަ ސްޓޯލްތައް ބެހެއްޓިފައިވާއިރު، މިއީ މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިކަމުން ދޭހަކޮށްދެނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށްދިނުމަށް އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތްކުރަން ތައްޔާރަށް ތިބި މިންވަރު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ މިދިޔަ އަހަރުގެއެކްސްޕޯއަށްދުވާލަކު 10،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އުންމީދަކީ މި އަހަރުގެ އެކްސްޕޯއަކީ ވެސް އާންމުން ޝައުގުވެރިކުރުވާނެ އެކްސްޕޯއަކަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވުިއެވެ.

ހެލްތު އެކްސްޕޯގެ ތެރެއިން --- ފޮޓޯ؛ ރައީސް އޮފީސް
މިއަދު ހުޅުވި އެކްސްޕޯގައި ކުޑަކުދިންނަށް ޚާއްސަ ޗެކަޕްތަކާއި މިންހެޔޮ ކާނާގެ މައުލޫމާތާއި ވެކްސިނާި އެހެނިހެން ސިއްހީ މައުލޫމާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކާއެކު ކުރިއަށްދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި އެކްސްޕޯ ބާއްވާ ތިން ވަނަ އަހަރެވެ. ފާއިތުވި ދެ އަހަރުގައި ވަނީ އާންމުންގެ ބޮޑު ތަރުހީބަކާއެކު ހެލްތު އެކްސްޕޯ ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުގެ އެކްސްޕޯގައިވެސް މިއުޒިކް ޝޯއާއި ބިރުވެރިހޮހޮޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ އެކި ހަރަކަތްތައް ކުރިއަށް ގެންދިޔުމަށް ހެލްތު މިނިސްޓްރީޢިން ވަނީ ނިންމާފައެވެ.