07 Nov 2026, 12:54

މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް އިއްޔެ ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ކާމިޔާބުކަމާއެކު ދައްކާލައިފިއެވެ.

ޗައިނާގެ ކޫލްފްލައި ކުންފުނިން އިލެކްޓްރިކް ވާޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިން ޑްރޯންގެ އުދުހުންތައް ދައްކާލާފައި ވަނީ އިއްޔެ ހަވީރު ހުޅުމާލޭ ކުރެދިމާ ހިނގުން ސަރަހައްދުގައެވެ.
މިއީ އިންސާނުން އުފުލާ އިލެކްޓްރިކް ޑްރޯނެއްގެ ދަތުރު ދައްކާލުމުގެ ހަރަކާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ދައްކާލައިފި -- ސަން ފޮޓޯ: މުހައްމަދު ޝާން
ތިމާވެއްޓާ ރައްޓެހި މި އައު ދަތުރުފަތުރުގެ ނިޒާމު ބަލައިލުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ހަރަކާތުގެ އިތުރު އުދުހުންތަކެއް މިއަދު ހެނދުނު 09:00 ގައި ވެސް ކުރިއަށް ގެންގޮސްފައެވެ.
އީވީޓޯލް އަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ އެންމެ ޒަމާނީ އިންގިލާބީ ބަދަލެވެ.
އާންމުކޮށް ބޭނުންކުރާ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް މުޅިންވެސް ކަރަންޓު ބޭނުންކޮށްގެން ދުއްވާ މި އުޅަނދަކީ ޖައްވަށް ވިހަގޭސް ބޭރުކުރުން ސުމަކަށް ތިރިކޮށްދޭ އުޅަނދެކެވެ.

މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ދައްކާލައިފި -- ސަން ފޮޓޯ: މުހައްމަދު ޝާން
ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމަކަށްވެފައި، ޖައްވަށް ވިހަގޭސް ބޭރުކުރުން މަދުކުރަން މަސައްކަތްކުރާ ގައުމަކަށް ވާތީ، ތެޔޮ ބޭނުންކުރާ އުޅަނދުތަކުގެ ބަދަލުގައި އީވީޓޯލް ބޭނުންކުރުމަކީ ރާއްޖޭގެ ގްރީން އިކޮނޮމީއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.