މުށުތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓުތަކެއް ފެނުމުން، އެއީ ބޯން ގެންގުޅުނު ތަކެތި ކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯޑެއްދޫ، ބިންމާގެ، އުމުރުން 47 އަހަރުގެ ނަޞްރަތު ރަޝީދެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން، އޭނާ ބަންދުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ.

އެގޮތުން އޭނާގެ ވައަތުގެ މުށުތެރެއިން ނެގި ރަބަރު ޕެކެޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕީއައި، އޭމްޕީ އަދި ޑީއެކްސްއެމްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާގެ އަތުން 5،690 ރުފިޔާ ފެނިފައިވާ ކަމަށާއި ސީންއަށްދިޔަ ފުލުހުންގެ ބަޔާންވެސް ހިމަނާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި އޭނާ އަތުން ފެނުނު ތަކެއްޗަކީ އޭނާ ބޯން ގެންގުޅުނު ތަކެތި ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެެވެ.

އޭނާގެ ބަންދަށް އިއްޔެ ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު އެ މުއްދަތު ހަމަވާނީ މިމަހުގެ 12ވާ މި ހަފުތާގެ ބުރާސްފަތި ދުވަހަށެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތައް މިހާރު ރާއްޖޭގައި އާންމުވެފައިވާއިރު ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ.