އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބޭރުކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްފައިވާއިރު އޭނާ މިވަގުތު ހުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ އެ ގްރޫޕުން ބޭރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ޝާހިދު އެ ގްރޫޕުން ބޭރުކޮށްފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރުމުން އާއްމުކޮށް ވެސް އެ ޕާޓީން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ރޭ އޭނާ ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. އަދި ފަހުން އޭނާގެ މައްޗަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.

ޝާހިދުގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ.

ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި، ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތުގެ ކާމިޔާބު ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.