08 Nov 2026, 23:51

ދިވެހިރާއްޖޭގެ ބިންތަކާއި ތަންތަން އުސޫލުތަކާއި ގާނޫނާއި ޚިލާފަށް ދޫކުރަމުންދާއިރު، އެފަދަ ކަންކަން ބަލައި ހުއްޓުވުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމަށާއި ސަރުކާރުގެ އެކި މުއާމަލާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ކަމަށާއި، މިފަދަ ބޮޑެތި މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގަންދެން ނުވަތަ މީހަކު މައްސަލައެއް ހުށަހަޅަންދެން ފުލުހުން ތިބެން ނުޖެހޭނެ ކަމަށެވެ.
އެގޮތުން ގައުމުގެ ބިންތަކާއި އެހެނިހެން މުދާތައް ގާނޫނާ ޚިލާފަށް ދޫކުރަމުންދާއިރު، ދިވެހި ފުލުހުން އެއްވެސް ބަހެއް ނުބުނެ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަމިއްލަ އިސްނެގުމުގައި އެ މައްސަލަތައް ބަލަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަންކަން ހުއްޓުވުމުގައި އެންމެ އިސްފަރާތަކަށް ވާން ޖެހޭނީ ފުލުހުން. ފުލުހުން އަމިއްލަ އިސްނެގުމުގެ މަތިން އެ މީހުންނަށް ކުރެވޭނެ މި ހުރިހާ ކަމެއް. އެ މީހުންނަށް އެބަ އިނގޭ. މި ހުރިހާ ނޫސްތައް އެ މީހުންނަށް ފެންނާނެ. އެހެންވީމާ އެ މީހުންނަށް ބަޔަކު މައްސަލައެއް ހުށަހަޅާފައި ތިބޭކަށް ނުޖެހޭނެ. މިވަރުގެ ބޮޑެތި ވައްކަމާއި މިވަރުގެ ބޮޑެތި ކޮރަޕްޝަނުގެ ޢަމަލުތައް ހިނގާއިރު އެ މީހުން އިސްނަގައިގެން މި ކަމާ އުޅެންވާނެ،ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއަކީ ފެށުނީއްސުރެ ވެސް ކޮރަޕްޝަނުގެ ތެރެއިން ހިންގަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެ ބިންތައް އީގަލް ހިލްސް ފަދަ ބޭރުގެ ފަރާތްތަކަށް އެގޮތަށް ދޫކޮށްލައިފިނަމަ ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލި، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ސިފަ ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ
މީގެއިތުރުން ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ހިއްކާފައިވާ ބިންތަކަކީ ވެރިން ބޭނުންހާ ގޮތަކަށް ވިއްކަން ހުރި ތަންތަން ނޫން ކަމަށާއި، މި ސަރުކާރުން ނާޖާއިޒު ގޮތުގައި ނަގާފައިވާ ބިންތައް އަނބުރާ އަތުލައްވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުދާތައް ރަހުނު ކުރަމުންދާ ކަމަށެވެ.
އެގޮތުން އިމާރާތްތަކުގެ ފުރާޅުގައިވާ ޓިނުގަނޑުތަކާ ހަމައަށް ވެސް ރަހުނުކޮށްފައިވާ ކަމަށް ވިދާޅުވެ، ބޭރުގެ ބޭންކަކަށް އެ ތަންތަން ރަހުނު ނުކުރެވުނުކަން އެއީ ނަސީބެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ވަންނަންޖެހޭ ފައިސާއާއި ޑިވިޑެންޑްތަކަށް ވާނުވާ ނޭނގޭއިރު، ފިނޭންސް މިނިސްޓްރީން މިކަންކަމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރައީސް މުޢިއްޒަށް އެންމެ ބޮޑަށް ވައްކަންކޮށްދީ އެންމެ ބޮޑަށް އެހީތެރިވަނީ އެމްއޭސީއެލް އިނގޭތޯ. މިއަދު އެމްއޭސީއެލްގައި ވަކިވަކި ފުރާޅުގައި ޓިނުގަނޑުތަކަށް ދަންދެން ހުރީ ރަހުނުކޮށްފައި އިނގޭތޯ. ބޭންކް އޮފް މޯލްޑިވްސްއަށް ރަހުނު މި ކުރަނީ. ނަސީބެއް އިނގޭތޯ. ބޭރު ބޭންކަކަށް މި ރަހުން ނުކުރިކަން. ބޭރު ބޭންކަކަށް ރަހުނުކުރި ނަމަ އަޅުގަނޑުމެންގެ އެއަޕޯޓްސް ވެސް އަޅުގަނޑުމެން ނޯންނާނެ،ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ; އެމްޑީޕީރައީސް ޔާމީން ވަނީ މި ސަރުކާރުގެ އިތުރުން މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީއަށް ވެސް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އެއްވެސް އަގެއް ނެތް އަދި ސަރުކާރާއެކު ކޮމްޕްރޮމައިޒް ވެފައިވާ ޕާޓީއެއް ކަމަށާއި، ދެ ދައުރުގެ ވެރިކަމުން އެ މީހުންނަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫންކަން ސާބިތުވެފައިވާ ކަމަށެވެ.
"އެމްޑީޕީ އަކީ އެއްވެސް އިތުބާރެއް އޮތް ބައެއް ނޫން އިނގޭތޯ. އެ މީހުން ދިވެހިރާއްޖެ ރަނގަޅުކޮށްދޭނަމޭ ކިޔާފައި އުޅޭނެ ކަމެއް ނެތް. އެ މީހުންގެ ދެ ވެރިކަން ފެނިއްޖެ. އެއީ ގައުމު ހަލާކުކުރި ބަޔަކީ،" ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އަންދާލި މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކުގެ އިސް ވެރިން ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.