ޕީޕީއެމްގެ ވެރިކަމެއްގައި ކޮންމެ ފުލުހަކާއި ސިފައިންގެ މީހަކީ ގެދޮރުވެރި މީހަކަށް ހައްދަވައި ދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު ޕީޕީއެމުން މިރޭ ބޭއްވި ދެ ވަނަ ބުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސިފައިންނާއި ފުލުހުން އަދާކުރި ޚިދުމަތުގެ އަގުވަޒަންކުރާނެ ލީޑަރުންނާއި ގާއިދުން ތިބި ޕާޓީއަކީ ހަމައެކަނި ޕީޕީއެމް ކަމަށާއި އެގޮތުން ޕީޕީއެމްގެ ވެރިކަމެއްގައި ކޮންމެ ފުލުހަކާއި ސިފައިންގެ މީހަކީ ގެދޮރުވެރި މީހަކަށް ހައްދަވާނެ ކަމަށެވެ. އަދި ކޮންމެ ފުލުހަކާއި ސިފައިންގެ މީހަކަށް ރާއްޖޭގެ އާންމު ސިއްހީ ނިޒާމުގެ ބޭރުން އަވަސް ގޮތެއްގައި ސިއްހީ ޚިދުމަތް ފޯރުވައިދޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މަކަރާއި އޮޅުވާލުމާއި ބިރުދެއްކުމާ ދެކޮޅަށް ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕިޕީއެމްގެ ވެރިކަމެއްގައި ފުލުހުންގެ މުއައްސަސާއަކީ މިނިވަންކަން ލިބިފައިވާ، ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރާ ފަދަ މުއައްސަސާއަކަށް ހައްދަވައި ދެއްވާނެ ކަމަށާއި އަދި އެކަން އެމަނިކުފާނު އަމަލީ މަސައްކަތުން ވެސް ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އުފަލާއި އަރާމާ އެކު މާޖާކުރެވޭނެ ފުރުސަތު ޒުވާނުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ގާއިމުކޮށްދެއްވާނެ ކަމަށާއި ބޯހިޔާވަހިކަމާއި ތައުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު އެއްވެސް ހާސްކަމެއް ނެތި ލިބޭނޭ ގޮތް ޒުވާނުންނަށް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ވެސް އެމީހުން އަދާކުރާ މަގާމުތަކުގައި އެހެން މީހުންނަށް ވެސް ލިބޭ މުސާރަ އާއި އިނާޔަތާއި އެއް ހަމައަކުން އެ ޒުވާނުންނަށް މުސާރަ އާއި އިނާޔާތް ފޯރުކޮށްދޭނެ ކަމަށް ޑރ. ޖަމީލް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. އަދި ޕީޕީއެމްގެ ފަސް އަހަރުގެ ސަރުކާރެއް ނިމިގެންދާ އިރު، ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގައި މަސައްކަތް ކުރާ ބަޔަކީ ދިވެހި ޒުވާނުންނަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އަދި ވިދާޅުވީ ޖަލުތަކުގައި ދުވަސްތައް ހޭދަކުރަމުންދާ ޒުވާނުނަށް އަދި އެއް ފުރުސަތު ޕީޕީއެމުން ދޭނެ ކަމަށާއި އަދި އެދޭ ފުރުސަތުން ޒުވާނުން ނިކުމެގެން އަންނަ އިރު އެ ޒުވާނުންނަކީ ހުނަވެރި މަސައްކަތެއް ލިބިފައިވާ އަދި ސީދާ އައިސް ވަޒީފާއެއް އަދާކުރާ މަސައްކަތާ ގުޅިފައިވާ ޒުވާނުންނަށް ހެދުމަށް ޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ޖަމީލް އަދި ވިދާޅުވީ ހައްދު ފަހަނައަޅާފައި ހުރި ބުއްދި ހަމަނުޖެހޭ މީހަކަށް ވެރިކަން ހަވާލު ނުކުރާނެ ކަމަށާއި އިންތިޚާބު ވިޔަސް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށެވެ.