23 Sep 2013, 09:16
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ފެންމަތިވެފައިވާ މައްސަލަތައް ހައްލުނުކޮށް ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމް އިން ނަސަންދުރާ ޕެލަސް ހޮޓެލްގައި ހަދާފައިވާ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަކީ އެކަންކަމަށް "ފަރުވާ ނުލިބި" އިންތިހާބުގެ ދެވަނަ ބުރަކަށް ނުދެވޭނެ ކަންކަން ކަމަށެވެ.
"ވަރަށް ބޮޑެތި ގޯސްތަކެއް މިހާރު މިވަނީ ހާމަވެގެން ގޮސްފައި. ޝަރީއަތުގައިވެސް އެކަންކަން މިހާރު ހުށަހެޅޭ ހެކިތަކުން ސާފުވޭ. ހަމަ އެއާ އެކު އިލެކްޝަންސް ކޮމިޝަންގެ އަމިއްލަ އިއުތިރާފުން މިހާރު އެއޮތީ ފެންމަތިވެފައި. ފުއާދު ތައުފީގުގެ އިންޓަވިއު ވެސް ފެންނަން އެބަ އޮތް. ޑީއެންއާރުންދޭ މައުލޫމާތާއި އިލެކްޝަންސްގެ ވޯޓާސް ލިސްޓާ ދެމެދުގައި ވެސް ގާތްގަނޑަކަށް ހައެއްކަ ހާސް މީހުންގެ ތަފާތެއް އެބައުޅޭ. ހަމަ އެއާ އެކީގައި ވޯޓު ކަރުދާސްކޮޅުގެ ސަލާމަތްކަމާއި ރައްކާތެރިކަމާ ބެހޭ ގޮތުން ވެސް އެއްވެސް ކަހަލަ ޔަގީންކަމެއް ނުލިބޭ. އެހެންވެ މިމައްސަލަތައް މިހެން ހުރެފައި ދެވަނަ ބުރެއްގެ އިންތިހާބާ ހަމައަކަށް ނުވެއް ދެވޭނެ." ޖަމީލް ވިދާޅުވި އެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ ދެވަނަ ބުރަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުވެސް އިލެކްޝަންސް ކޮމިޝަނުން އެކަށީގެންވާ ގޮތަކަށް ސިޔާސީ ޕާޓީތަކާ ހިއްސާކޮށްފައިނުވާ ކަމަށާއި މިހާރު އޮތް ގޮތުން ވޯޓު ލިސްޓު ބެލުމަށް ކޮމިޝަނުން ޕާޓީތަކަށް ދީފައި ވަނީ އެންމެ ދުވަހެއް ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަރާތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައިވާ އިރު، މިމައްސަލަތަކުގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.