29 Sep 2013, 13:57
ރާއްޖެ އޮތީ ހާސްކަމެއްގެ ތެރޭގައި ކަމަށް ބުނެ އެމްޑީޕީން ޚަބަރުތައް ފަތުރަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ހިންގާފައިވާ މަކަރާއި ހީލަތްތައް ފަޅާއަރާފާނެތީ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ ރާއްޖެ އޮތީ ހާސްކަމެއްގައި ނޫން ކަމަށާއި ހާސްކަމުގެ ތެރޭގައި އޮތީ އެމްޑީޕީ ކަމަށެވެ.
"ރާއްޖެ އޮތީ ހާސްކަމެއްގައި ނޫން އެމްޑިޕީ އޮތީ ހާސްކަމުގައި. އެމްޑިޕީން އިލެކްޝަންސް ކޮމިޝަނާ ގުޅިގެން އިންތިޚާބުގައި ހިންގި މަކަރާއި ހީލަތް ފަޅާއަރާނެތީ އެއުޅެނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ސިފައިންގެ ސަފުތައް ފޫއަޅުވާލަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޝާރާތް ކުރެއްވުމުން އެނގިގެންދަނީ ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބައިގައި ނެތްކަން ކަމަށް ޖަމީލު ވިދާޅުވި އެވެ.
"އެހެންކަމުން އެނގިގެން ދަނީ [އެމްޑީޕީ] ވެރިކަމަށް އަޔަސް ގައުމުގައި ހިންގާނީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް. ރާއްޖޭގެ ރައްޔިތުންގެ އަމަންއާންމު ބެލެހެއްޓުމުގެ އެއްވެސް ގާބިލުކަމެއް ނެތްކަން. މިދިޔަ ތިން އަހަރު އަބްދުﷲ ގާޒީ ހައްޔަރު ކުރި. އަޅުގަނޑު ހައްޔަރު ކުރި. ކޮން ވެރިއެއް މޮޑަން ޒަމާނެއްގައި މިކަންތައް ކުރީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ފެންނަމުން މިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ އަށް ސަޕޯޓު ނުކުރާ މީހުންނަށް ބިރުދައްކައި އެމީހުންގެ މުދަލަށް ގެއްލުންދިނުމުގެ އަމަލުތައް ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ގދ. ތިނަދޫ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއްގެ ލޯންޗުގައި ރޯކޮށްލާފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމްޑީޕީން އެފަދަ އަމަލުތައް ހިންގަމުންދާ އިރު ވެސް ނަޝީދަކީ ރަނގަޅު ބޭފުޅެއްކަމަށް ގަބޫލުކުރާ މީހުން އެބަ އުޅޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
"ހަމަ އެބޭފުޅުންނަށް ވެސް ގަބޫލު ކުރެވެނީބާއޭ މީހުންގެ މުދަލަށާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ކަންކަންތައްތައް ހިންގަން. މީހުންގެ މުދަކަށް އަނިޔާވެރިވާން، މީހުންނަށް އަނިޔާވެރިވާން. އެމީހުންނަށް ގަބޫލު ކުރެވެނީބާއޭ، އެހެންވެއްޖެ ކަމަށްވާ ނަމަ އެމީހުންގެ އަމިއްލަ މުދަލަށާއި ތަކެއްޗަށް އަރައިގަންނަން ހިތްވަރު ނޫންހޭ އެދެވެނީ." ޑރ. ޖަމީލް ވިދާޅުވި އެވެ.