މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ ކުއްޖެއްގެ ދިފާއުގައި ދެ މީހަކު ހެކިބަސް ދީފި އެވެ.

އެ ދެ މީހުން ހެކިބަސްދީފައި ވަނީ މިއަދު 11:00ގައި ޖުވެނައިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ހެކިބަސް ލިބުނުގޮތެއް ކޯޓުން ނުބުނެ އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ދެން އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހަށް ކަމަށާއި އެދުވަހު އޮންނާނީ ދައުވާ ލިބޭ ދެ ކުއްޖެއްގެ ފަރާތުން ހުށަހަޅާފައިވާ ޖުމްލަ ހަތް ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

"ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުވާ ލިބޭ އެއްކުއްޖެއްގެ ފަރާތުން ހުށަހަޅާފައިވާ އެއް ހެއްކެއްގެ ހެކިބަސް ނެގުމާއި އަދި އިތުރު ކުއްޖަކު ހުށަހަޅާފައިވާ ހަ މީހުންގެ ހެކިބަސް ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ދިފާއީ ހެކީން ހާޒިރުނުވާ ނަމަ ދިފާއީ ހެކިބަސް ނެގުމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ދިފާއީ ހެކިބަސް ނަގައި ނިމުމުން އަންނަ މަހުގެ 18 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތްތަކަށް ޚުލާސާ ބަޔާން ހުށަހަޅައި ފަހުބަސް ބުނުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އޭގެ ފަހުން އެހެން ދުވަހަކުން އެ މައްސަލައާ މެދު ޝަރީއަތުން ކަނޑައަޅާ ހުކުމް އިއްވުން އޮންނާނެ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު އެ ހަތަރު ކުދީން ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސްޓޭޝަންގެ އިތުރުން ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓުގައިވެސް ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.