Last Updated:
1 decade 2 year ago

ހ. ތިމާވެށި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

  • އެ ގެއިން ހައްޔަރު ކުރީ ޒުވާން އަންހެނަކާއި ދެ ފިރިހެނަކު
ބުލޮގު ޚުލާސާ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެކޮޅު ހ. ތިމާވެށި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާސްކުރަން ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ގެ ބަލަނީ މަސްތުވާ އެއްޗެހިތަކެއް އެގޭގައި ހުރި ކަމުގެ ތުހުމަތުގަ އެވެ. ފުލުން ފާސް ކުރަނީ ހެންވޭރު ރޯޝަނީ ހިނގުމުގައި ހުންނަ އެގޭގެ ދެ ވަނަ ބުރި އެވެ.

ފުލުހުން ބުނީ އެ ގެ ބަލައި ފާސް ކުރަނީ ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުޙުމަތުކުރެވިގެން ކޯޓު ޢަމުރެއްގެ ދަށުން ކަމަށެވެ. މިރޭ 8:15 އެހާކަންހާއިރު ފުލުހުން އެގެއަށް ވަދެ ޒުވާން ދެ ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ. ހަމައެކަނި ފުލުހުން ބުނީ ޢުމުރުން 23 އަހަރުގެ އަންހެނަކާ ޢުމުރުން 24 އަހަރުގެ ފިރިހެނެއް އަދި ޢުމުރުން 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

(ތަފްސީލު އަންނަނީ..)

22:13

ހ. ތިމާވެށި ގެއިން މިރޭ މަސްތުވާތެކެތި ފެނުނުއިރު އެ ގެއަކީ ޖާބިރު ގެއަށް ވިޔަސް، އޭނާ މިހާރު ދިރިއުޅުއްވަނީ އަންހެނުނާއެކު ހުޅުމާލޭގައި. ޖާބިރު އެގޭގައި ދިރިނޫޅުއްވާތާ ދުވަސްތަކެއް ވެއްޖެ.
22:08

ތިމާވެށި ގެއިން ފެނުނު މަސްތުވާތަކެތީގެ އާ ބާވަތުގެ ނަމެއް ފުލުހުން ނުބުންޏެވެ.

ފުލުހުން ބުނީ ތިމާވެށި ގެއިން މަސްތުވާތަކެތި ކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ފުޅިއާއި މަސްތުވާތަކެތި ކަމަށް ތުޙުމަތުކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓާއި ބަނގުރާ އެއް ފުޅި އަދި ބަނގުރާ ހުސްކޮށްފައި ހުރި އެއް ފުޅި ފެނިފައިވާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސް ކުރުމަށްފަހު ގޮސްފަ އެވެ.

22:05

ހ. ތިމާވެށި ގެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ސައިކަލް އޭނާގެ ހާޒިރުގައި ފުލުހުން ބަލައި ފާސްކޮށްފި. އެ ގެއިން ހައްޔަރު ކުރި މީހުން ފަހަތަށް ބިޑި އަޅުވައިގެން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ވަނީ ގެންގޮސްފައި.