03 Aug 2014, 09:46
ށ. ފޭދު އަށް އުފަން އަބްދުއްރަޝީދުގެ އުމުރުން 11 އަހަރުގައި ވަނީ ލޮލުގެ ފެނުން ގެއްލިފަ އެވެ. އެކަން ހިނގީ މާ ބޮޑުކަންތައްތަކެއް އޭނާ އަށް ދިމާނުވެ ހަމަ ކުއްލިއަކަށެވެ. އެހިސާބުން އެ ރަށު މީހުންގެ ފަރާތުން އޭނާ އަށް އަޑުވިވެމުންދިޔައީ ހިތްދަތި ވާހަކަތަކެކެވެ. މާޔޫސް ކުރުވަނިވި ފަދަ ވާހަކަތަކެކެވެ.
"[ލޮލަށް ނުފެންނާތީ] ދުނިޔޭގައި އަޅުގަނޑަށް ދެން ގޮތެއް ނޯންނާނޭ މީހުން ބުނި، އަޅުގަނޑަށް މިދުނިޔޭގައި އެއްވެސް އުފަލެއް އަރާމެއް ނެތޭ ވެސް ބުނި، ނަމަވެސް އަޅުގަނޑު ހިތަށް އަރާ އެއީ ދޮގެކޭ، ވާނެގޮތެއް ނޭނގޭ، ވަރަށް އުންމީދެއްގައި ވަރަށް އަޒުމެއްގައި އަޅުގަނޑު މަސައްކަތް ކުރީ" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު މިދެންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމުން މިދިޔަ ރަމަޟާން މަހާ ދިމާކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި، "އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ އެއް ވަނަ ހޯދި ށ. ފޭދޫ، ވަވެތި، އަލްހާފިޒް އަބްދުއްރަޝީދުގެ ވާހަކަ އެވެ. ލޮލަށް ނުފެނުނު ނަމަވެސް އޭނާ އަކީ އެންމެ "އަލިގަދަ" ތަރި އެވެ. ހިތްވަރާ އެކު ކާމިޔާބު ހޯދާފައިވާ، އެންމެންނަށް ނަމޫނާއެކެވެ. މިއަދު އެންމެންގެ ލޮލަށް ވެސް އޭނާ ފެނެ އެވެ.
ޅަ އުމުރުގައި ލޮލުގެ ފެނުން ގެއްލުނު ނަމަވެސް އަބްދުއްރަޝީދު، އަބަދުވެސް ކީރިތި ގުރުއާނަށް ލޯބިކުރެ އެވެ. ގުރުއާން ހިތުދަސް ކުރުމަކީ އޭނާގެ އަބަދުވެސް އުންމީދެކެވެ. އަޒުމެކެވެ. ނަމަވެސް އެކަން ވީ އޭނާ އަށް ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކަށްވީ ގުރުއާން ހިތުދަސް ކުރަން ބޭނުން ކަމަށް ބުނުމުން މީހުންގެ ފަރާތުން އިވޭ ވާހަކަތަކުންނެވެ. އޭރު މީހުން ސިފަކޮށްދެމުން ދިޔައީ އެއީ ވަރަށް ބުރަކަމެއްގެ ގޮތުގަ އެވެ. ލޮލަށް ނުފެންނަ މީހަކު ޤުރްއާން ހިތުދަސްކުރާނީ ކިހިނެއްހެއްޔެވެ؟ މިކަހަލަ ވާހަކަ ތަކެވެ.
"ގުރުއާން ހިތުދަސްކުރުމަކީ ވަކި ބަޔަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ސިފަކޮށްފައި އޮންނަނީ، އެގޮތަށް މީހުން ބުންޏަސް އަބަދު ވެސް އަޅުގަނޑުގެ ހިތުގައި އޮވޭ ގުރުއާނުން ހާއްސަ މީހުންތެރޭގައި ހިމެނޭނަމޭ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަބްދުއްރަޝީދު ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ފެށީ އުމުރުން އެންމެ 17 އަހަރުގަ އެވެ. ދެ އަހަރު ތެރޭގައި އޭނާ އެކަން ކާމިޔާބުކުރި އެވެ. އަބްދުއްރަޝީދު ގުރުއާން ހިތުދަސް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ ލޮބުވެތި މަންމަގެ ފަރާތުންނެވެ. އޭނާ ގުރުއާން ހިތުދަސް ކުރަމުންދިޔައީ މަންމަގެ އަޑުދަށުން ކިޔަވަމުންނެވެ.
"މަންމަ ކިޔާ އަޑު އަހައިގެން ދަސްކުރީ، ގުރުއާން ފިލާވަޅު ނެގުމަށް ހޭދަވާނީ ފަސް މިނެޓް، މުރާޖާ ކުރުމަށް ތިން ގަޑިއިރު ވެސް ހޭދަކުރަން، މުރާޖާ ކުރަން އިންނަނީ މިސްކިތުގައި" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަބްދުއްރަޝީދު ގުރުއާން ހިތުދަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ގުރުއާން ދަސް ކުރުމުގަ އެވެ. މިސްކިތުގައި އެތައް ވަގުތެއް ހޭދަކުރެ އެވެ. ހަމަ އެންމެ ބޭނުމެއްގަ އެވެ. ގުރުއާން ހިތުދަސް ކުރުމަށެވެ. މާތްﷲގެ ހެޔޮ ރަހުމަތްފުޅުން އޭނާ އަށް އެކަންވީ ވަރަށް ފަސޭހަ ވެސް ކަމަކަށެވެ. ފެނުމުން މަހުރޫމުވެފައިވީ ނަމަވެސް ވަރަށް އަވަހަށް ގުރުއާން ހިތުދަސްވަމުން ދިޔައީ އޭނާ އަށް ދެއްވި ހިތުގެ އަލިކަމުގެ ސަބަބުންނެވެ.
"ﷲގެ އިރާދަފުޅުން ބޮޑުކަމަކަށް ނުވޭ، ވަރަށް ފަސޭހަ ކަމަކަށްވީ، އަޅުގަނޑަށް މަންމަ ކިޔައިދޭނީ ތިން ފަހަރު އާޔަތެއް، ކިޔައިދިނީމަ އަޅުގަނޑު އެބައި ނަގައިގަންނަން." އަބްދުއްރަޝީދު ވިދާޅުވި އެވެ.
ގުރުއާން ހިތުދަސް ކުރުމުގެ އިތުރުން އަބްދުއްރަޝީދު އެހެން އުންމީދެއް ވެސް އޮވެ އެވެ. އެއީ ރީތިކޮށް ގުރުއާން ކިޔެވުމެވެ. މަހުރަޖަށް ކިޔެވުން ވެސްމެ އެވެ. އެ ދުވަސްވަރަކީ މަހުރަޖަށް ގުރުއާން ކިޔެވުމަށް މީހުން އިސްކަން ދިން ޒަމާނެއް ވެސް ނޫނެވެ. ނަމަވެސް ރީތިކޮށް ގުރުއާން ކިޔެވުމުގެ އުންމީދު އަބްދުއްރަޝީދު އަބަދުވެސް ކުރެ އެވެ. އޭނާ މަހުރަޖަށް ގުރުއާން ކިޔަވަން ދަސްކޮށްފައި ވަނީ އޭރު ރޭޑިއޯ އިން އައި "ގުރުއާން ކިޔަވަން ދަސްކުރަމާތޯ" ޕްރޮގުރާމް އަޑުއަހައިގެންނެވެ.
އަބްދުއްރަޝީދު ގުރުއާން ކިޔެވުމަށް ތަންތަނަނަށް ގޮސް މާގިނަ ކިޔެވުންތަކެއް ނުކިޔަވަ އެވެ. އޭނާ މަސައްކަތް ކުރީ މަންމައާ އެކު އެވެ. އޭނާ ހަދާފައި ވަނީ އެންމެ ދެ ކޯހެކެވެ. އެގޮތުން އޭނާ ވަނީ މައުހަދުން ގާރީ ކޯސް އެޑްވާންސް ލެވަލް ފުރިހަމަ ކުރައްވައިފަ އެވެ. އަދި އިމާމް ކޯހުގެ ވެސް ލެވަލް ތިނަކާ ހަމައަށް ދަސްކުރެއްވި އެވެ. އެ ދެ ކޯހުން ވެސް އޭނާ ވަނީ "ކުޅެދޭ" ކަމަށް ބުނާ މީހުންނާ ވާދަކޮށް އެއް ވަނަ ހޯއްދަވާފަ އެވެ.
"އޭގެ ފަހުން އަދި ކިޔެވުމުގެ ފުރުސަތެއް ނުލިބޭ، އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ނަމަ ކިޔަވަން ބޭނުން،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
ފޭދޫގައި ދިރިއުޅުއްވާ އަބްދުއްރަޝީދު މާލޭގައި ކިޔަވަން ހުންނެވި ދުވަސްވަރު އޭނާ ވަނީ ފަލާހް މުބާރާތާއި ގައުމީ ދެ މުބާރާތުން ހިތުން ކިޔުމުގެ ބައިން އެއް ވަނަ ހޯއްދާވާފަ އެވެ. ގުރުއާން ހިތުދަސް ވުމާއި ގުރުއާން ރީތިކޮށް ކިޔެވުމުގެ އިތުރުން ގުރުއާންގެ އެހެން ހުނަރުތަކެއް ވެސް އަބްދުއްރަޝީދަށް ލިބިގެންވެ އެވެ. އެއީ ގުރުއާނުގެ އާޔަތެއްގެ މާނަ މީހަކު ކިޔާލުމުން އެއީ ކޮން އާޔަތެއްކަން ދެނެގަނެ މީހުންނަށް ބުނެދޭން އެނގުމާއި މީހަކު އާޔަތެއް ކިޔާލީމަ އެއާޔަތެއްގެ ނަމްބަރު ބުނަން އެނގުމެވެ.
އަބްދުއްރަޝީދަކީ ފޭދޫ މިސްކިތުގެ އިމާމެވެ. އެކަމުގައި ވެސް އޭނާ ދަނީ ތަފާތު ހުނަރުވެރިކަން ދައްކަމުންނެވެ. އެންމެ ހައިރާން ކުރުވަނިވި ކަމަކީ ހުކުރު ހުތުބާ ދަސް ކުރެއްވުމެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ހުތުބާ އޭނާ ދަސް ކުރައްވަނީ މީހަކު ލައްވާ ކިޔައިގެން އެ އަޑުއިވޭ އިބާރާތްތައް ހިތު ދަސްކޮށްގެންނެވެ. އެގޮތުގެ މަތިން ހުތުބާ ދެ ގަޑިއިރު ތެރޭ ހިތު ދަސް ކުރައްވާ ކަމަށް އެރަށު މީހުން ބުނެ އެވެ.
އޭނާ ވަނީ ނުކުޅެދުންތެރިކަމެއް ހުރި ހާލުގައި ވެސް ގިނަގުނަ ކާމިޔާބީތައް ހޯއްދަވާފަ އެވެ. އެއީ އޭނާގެ އީންމާންތެރިކަމާއި ކެތްތެރިކަމުގެ ފޮނި މޭވާކަން ޔަގީނެވެ. އޭނާ ފަދައިން ގުރުއާން ދަސް ކުރަން ބޭނުންވާ އެހެން މީހުންނަށް އަބްދުއްރަޝީދު ދޭން ބޭނުންވާ މެސެޖަކީމި އެވެ.
"ފުރަތަމަ ގުރުއާނެއް ނޫން ދަސް ކުރަންވީކީ، އެމީހުން ހަދަންވީ އެއްޗަކީ ހައްދަވައި ބޮޑުކުރެއްވި އަރަހުށި ރައްބަށް ކުރިމަތިލާނެ ގޮތް ދަސްކޮށް އެރައްބާ ބޮޑު ގުޅުމެއް ގާއިމް ކުރަންވީ، އަޅުގަނޑުމެން މި މާހައުލަށް ވުރެ ބޮޑަށް ﷲ އާ ގުޅި އެފަރާތުގެ ރޫހާނީ ގުޅުން ލިބިގަންނަންވީ، އޭރުން ހިތަށް އަލިކަން އަންނާނީ، އަދި ކުށް ފާފަތަކުން ދުރުވުން" އެވެ. އަބްދުއްރަޝީދު ނަމޫނާއެއްގެ ގޮތުގައި ނަގަން ބޭނުންވާ ފަރާތްތަކަށް ނަސޭހަތެއްގެ ގޮތުގައި އޭނާ ވިދާޅުވީ "ކީރިތި ގުރުއާނުގެ ސަބަބުން މީސްތަކުންގެ ދަރަޖަ މާތް ﷲ އުފުއްލަވާ، އަދި ގުރުއާނަށް އަމަލު ނުކުރެއްވުމުން ދަރަޖަ ދަށް ކުރައްވާ، އެހެން ކަމުން އަޅުގަނޑުމެން ދެ ދުނިޔޭގެ ކާމިޔާބާއި ބާއްޖަވެރިކަން ބޭނުން ނަމަ މިފޮތަށް ރުޖޫއަވެ މިފޮތާ އެއްގޮތަށް އަމަލު ކުރާށޭ" އެވެ.
މީގެ 33 އަހަރު ކުރިން އަބްދުއްރަޝީދުގެ ލޮލަށް ނުފެނު ނަމަވެސް އޭނާ އެކަމަށް ވެސް އުންމީދު ކަނޑައެއް ނުލަ އެވެ. އަބުދުއްރަޝީދު ވިދާޅުވާ ގޮތުގައި "ﷲ އިރާދަފުޅުން ލޯ ވެސް އަދިވެސް އަލިވާނޭ އަޅުގަނޑުގެ އުންމީދުގައި އޮންނަނީ، މިއަދު މި ހާލުގައޭ އެއްދުވަހަކީ އަނެއް ދުވަސް ބަދަލު ކުރާނެ އެއްޗެކޭ އެހެން އެއްޗެކޭ ހިތުގައި އޮންނަނީ، ވަރަށް އުންމީދު އޮވޭ." އެވެ.