ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސީރާއި އިތުރު 27 މީހެއްގެ މައްޗަށް ހުޅުޖެހުމުގެ ހާދިސާއާ ގުޅިގެން ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން އެގޮތަށް ނިންމާފައި ވަނީ އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެއްކި ލިބިފައިނުވާތީ އެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތެއްގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި ހަތަރު ކުޑަކުއްޖަކު ހިމެނޭގޮތަށް ޖުމްލަ 93 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އޭގެތެރެއިން ހަތަރު ކުޑަކުދިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް ބާކީތިބި 89 މީހުންގެ ޝަރީއަތް މިހާތަނަށް ފެށިފައެއް ނުވެއެވެ.

ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ތިނަދޫ ކައުންސިލްގެ ހަތަރު ކައުންސިލަރެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ދައުވާ އުފުލައިފައެވެ. އެ ތިން ބޭފުޅުންނަކީ ކައުންސިލަރު ގުސައްޔު އަބްދުﷲ އާއި އަބްދުﷲ ސަނީފާއި ސައުދު އަލީގެ އިތުރުން ކައުންސިލަރު އަލްމާސް ޒުހައިރެވެ.

އެކަށީގެންވާ ހެކި ލިބިފައިނުވާތީ ދައުވާ ކުރެވެން ނެތް މީހުންގެ ތެރޭގައި މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ކުރީގެ ސްޓޭޓް ސެކްރެޓަރީ މުހައްމަދު ޔޫޝައު އާއި މުހައްމަދު ޝަރީފްގެ އިތުރުން ތިނަދޫ ރީޖިނަލް ހޮސްޕިޓަލްގެ ކުރީގެ މެނޭޖަރު ޖީޒާ ހަސަން ވެސް ހިމެނެއެވެ.

ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސް ޓޭޝަނާއި އެރަށު ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ އެތަންތަނަށް ގާއުކައި ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ވަނީ އެތަންތަނުގައި ހުޅުޖަހައި އަންދާލާފަ އެވެ.