Last Updated:
1 decade 10 month ago

ދަގަނޑޭގެ ހެޓްރިކާއެކު ޕީޕަލްސް ކަޕްގެ ޗެމްޕިއަންކަން ޕީޑީއާރުއެމް ހޯދައިފި

    ބުލޮގު ޚުލާސާ
    ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި މެލޭޝިއާގެ ޕީޑީއާރުއެމްއަށް ކުޅޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްދިން ތިން ލަނޑާއެކު 5-4 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އެ މުބާރާޓުގެ ޗެމްޕިއަންކަން ޕީޑީއާރުއެމް ހޯދައިފި އެވެ.
    01:11އަހްމަދު ޖުނައިދު

    ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި މިރޭ މެލޭޝިއާގެ ޕީޑީއާރުއެމްއަށް ކުޅޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްދިން ތިން ލަނޑާއެކު 5-4 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އެ މުބާރާޓުގެ ޗެމްޕިއަންކަން ޕީޑީއާރުއެމް ހޯދައިފި އެވެ.

    ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރީން ޕީޑީއާރުއެމުން ވަނީ، ދެލަނޑުގެ ލީޑެއް ހޯދައިފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 12 ވަނަ މިނިޓްގައި ޑްރަމާނޭ ޓްރައޮރޭ ކާމިޔާބުކޮށްދިން އިރު 23 ވަނަ މިނިޓްގައި އެޓީމަށް ދެވަނަ ލަނޑު ކާމިޔާކޮށްދިނީ ދަގަނޑޭއެވެ.

    ޕީޑީއާރުއެމްގެ ތިން ވަނަ ލަނޑު އެޓީމް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެޓީމަށް 51 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ ދަގަނޑޭއެވެ.

    މާޒިޔާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 73 ވަނަ މިނިޓްގައި މުޙައްމަދު އިރުފާންއެވެ. އަދި އެޓީމަށް ލިބުނު ޕެނަލްޓީއަލުން 85 ވަނަ މިނިޓްގައި މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އަދި މެޗުގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި އަހްމަދު އިމާޒު (އާއްކޮ) އެވެ. މި ނަތީޖާއާއެކު މެޗުގެ ނަތީޖާ ނެރުމަށް 15 މިނިޓްގެ ދެ ހާފަށް މެޗު ދިގު ދެމިގެން ދިޔައެވެ.

    އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާޒިޔާގެ މުޙައްމަދު ސާއިފު، ޕީޑީއާރުއެމްގެ ދަގަނޑޭއަށް ކުރި ފައުލަކާއެކު ދެ ރީދޫ ކާޑު ހަމަވެ، އޭނާއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. އެހެން ކަމުން އިތުރު ވަގުތުގެ 30 މިނިޓްގެ ބޮޑުގައި މާޒިޔާއިން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ.

    ޕީޑީއާރުއެމުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 95 ވަނަ މިނިޓްގައެވެ. އެޓީމަށް ލަނޑޫ ޖަހައިދިނީ ޓްރައޮރޭއެވެ. އެއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ. 108 ވަނަ މިނިޓްގައި ދަގަނޑޭ އޭނާގެ ހެޓްރިކް ހަމަކޮށް، ޕީޑީއާރުއެއަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައި ވަނިކޮށް މާޒިޔާގެ ފަހު ލަނޑު 112 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕަބްލޯ ރޮޑްރިގޭޒް އެވެ، ރޮޑްރިގޭޒް ވެސް ވަނީ މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

    00:15

    ޕީޕަލްސް ކަޕްގައި ދަނޑަށް ވަން ފަރާތްތަކުން ޓިކެޓް ގަނެގެން ލިބުނު ފައިސާއިންނާއި އެފްއޭއެމުން ހަދިޔާކުރާ ފައިސާގެ ގޮތުގައި 50،000 ރުފިޔާ މޯލްޑިވްސް އޮޓިޒަމް އެސޯސިއޭޝަނަށް، 50،000 ރުފިޔާ އާކް ޖަމިއްޔާއަށް އަދި 50،000 ރުފިޔާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށްވެސް 50،000 ރުފިޔާ އަދި ކުޑަކުދީންގެ ހިޔާއަށް ވެސް 50،000 ރުފިޔާ ހަދިޔާކޮށްފި. ފައިސާ ހަވާކޮށްދެއްވީ، ރައީސްގެ އަނބި ކަނބަލުން ފާތިމަތު އިބްރާހީމް.
    00:12

    ރަކީދޫގައި މިއަދު ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ނިޔާވި ތުއްތު މުހައްމަދު އިބްތިހާލްގެ ހަނދާނުގައި އެއް މިނިޓްގެ ސުކޫތެއް.
    00:10

    ފައިނަލް މެޗުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ކުރިން، ރަކީދޫގައި މިއަދު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަނދާނުގައި ސުކޫތެއް ގެންނަން ހަމަޖެހިފައިވޭ.
    00:09

    މިރޭގެ މެޗު ބައްލަވައިލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގެން އެބަ ތިއްބެވި.
    00:07

    ރާއްޖޭގެ ރައްޔިތުންގެ ތައްޓަށް ކުޅުނު ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން މިހޯދީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރުއެމުން.
    00:07

    މަރުހަބާ ޕީޑީއާރުއެމް އެފްއޭ.
    މާޒިޔާ ކޯޗު އަލީ ސުޒޭން

    މިއީ ދެޓީމުންވެސް ވަރަށް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއް. ނަމަވެސް މެޗުގައި ހިނގާދިޔަ ކަންތައްތަކަށް އޮފިޝަލުންވެސް ވިސްނާލަން ޖެހޭ. މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ރަނގަޅު މުބާރާތެއް. މެޗު ބަލަން ގިނަ ބަޔަކު ދަނޑަަށް ގެނެވިއްޖެ.
    ޕީޑީއާރުއެމް ކެޕްޓަން މުސްލިމް

    މެލޭޝިއަން ސުޕަލީގަށް ތައްޔާރުވުމަށް މިއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ޓީމަށާއި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
    23:59

    ދަގަނޑޭގެ ހެޓްރިކާއެކު ޕީޑީއާރުއެމް ޗެމްޕިއަންކަން ހޯދީ.
    23:58

    ޕީޕަލްސް ކަޕްގެ ޗެމްޕިއަންކަން މެލޭޝިއާގެ ޕީޑީއާރުއެމްއަށް.
    23:58

    މެޗު ނިމިއްޖެ.
    23:58

    ޕީޑީއާރުއެމަށް ލިބުނު ހިލޭ ޖެހުމުން ރަނގަޅު ހަމަލާއެއް އުފެއްދޭގޮތެއް ނުވި.
    23:57

    މާޒިޔާގެ ބޮކުރީއަށް ރީނދޫ ކާޑެއް. އެޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ކުގެބޭއަށް ބޮކުރީ ފައުލުކުރުމާ ގުޅިގެން ކާޑު ދެއްކީ.
    23:55

    ޕީޑީއާރުއެމުން ބަދަލެއް. ދަގަނޑޭގެ ބަދަލުގައި ލޫތު ކުޅެން ނުކުތީ.
    23:54

    މާޒިޔާއަށް ޕީޑީއާރުއެމްގެ ހާފުގެ މެދެއްހާ ހިސާބުން ނާޝިދު ފޮނުވާލި ހިލޭ ޖެހުން، މާޒިޔާ ކުޅުންތެރިންނަށް ލިބޭގޮތެއް ނުވި.
    23:51

    ޕީޑީއާރުއެމްގެ ފައުޒީއަށް ރީނދޫ ކާޑެއް.
    23:51

    މިއީ ޕަބްލޯ ވެސް މި މުބާރާތުގައި ޖެހި ހަތަރުވަނަ ލަނޑު.
    23:50

    10 ކުޅުންތެރީންނާއެކު މާޒިޔާއިން ދައްކަމުން މިއަންނަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް.
    23:49

    ޕީޑީއާރުއެމްގެ ޕެންލްޓީ އޭރިޔާ ތެރޭން އަސަދުﷲ، އެޓީމުގެ ޕަލްބޯއަށް ދިން ބޯޅަ ވަރަށް ރީތިކޮށް ޕަބްލޯ ގޯލް ތެރެއަށް ފޮނުވާލީ.
    23:48

    މާޒިޔާއިން ލަނޑު ޖަހައިފި.
    23:46

    މާޒިޔާ ހާފްތެރެއިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލް ތެރެއަށް. ވަރަށް ރީތި ލަނޑެއް.
    23:45

    ޕީޑީއާރުއެމްގެ ފަސްވަނަ ލަނޑު.
    23:44

    ދަގަނޑޭގެ ހެޓްރިކެއް.
    23:42

    15 މިނިޓްގެ ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ.
    23:39

    15 މިނިޓްގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
    23:38

    ދަގަނޑޭއަށް މާޒިޔާގެ ހާފްގެ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީއޭރިޔާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ލިބޭ ހިސާބުގައި ޕީޑީއާރުއެމްގެ ކުޅުންތެރިއަކު ނެތް.
    23:34

    ޓްރައޮރޭއަށް ރީނދޫ ކާޑެއް.
    23:33

    ނާއްޓެ ނަގައިދިން ކޯނަރު ދިޔައީ ބޭރަށް.
    23:33

    މާޒިޔާއަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް.
    23:32

    އާއްކޮ ވަރަށް ރީތިކޮށް ޕީޑީއާރުއެމްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، އޭރިޔާތެރޭގައި ހުރި ބޮކުރީއަށް ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި. ޕީޑީއާރުއެމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް ބޭރު.
    23:31

    މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ފައުޒީ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި. މާޒިޔާ ކުޅެމުން މިދަނީ އެއް ކުޅުންތެރިއަކު މަދުން.
    23:28

    ޓްރައުރޭ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ގޯލް ތެރެއަށް. މިއީ އޭނާ މިރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު. މުޅި މުބާރާތުގައި އޭނާ ކާމިޔާބުކުރި 5 ވަނަ ލަނޑު.
    23:28

    ޕީޑީއާރުއެމް ލަނޑު ޖަހައިފި.
    23:27

    މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޕީޑީއާރުއެމްގެ ފައުޒީއަށް ނާޝިދު ފައުލުކުރީ.
    23:26

    ދަގަނޑޭ މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަންނަން އުޅެނިކޮށް ސާއިފު އޭނާއަށް ފައުލްކުރީ. ރެފްރީ ޝިފާން މިވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާފައި.
    23:25

    މާޒިޔާގެ ސާއިފުއަށް ރަތްކާޑެއް.
    23:22

    އިތުރުވަގުތުގެ 15 މިނިޓްގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.
    23:21

    15 މިނިޓްގެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ އެއްވަރު ވެއްޖެ ނަމަ، ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެން.
    23:15

    މެޗުގެ ނަތީޖާ ނެރެން 15 މިނިޓްގެ އިތުރު ދެހާފް ކުޅޭން ޖެހިފައި މިވަނީ.
    23:15

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިއްޖެ.
    23:14

    މާޒިޔާގެ ހާފުގެ މެދު ތެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ ޓްރައޮރޭ ބޮލުގައި ޖެހިފަި ބޭރަށް.
    23:14

    ޕީޑީއާރުއެމަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަނީ ދަގަނޑޭ.
    23:13

    ބޮކުރީ ޕީޑީއާރުއެމްގެ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ މާ މަތިން ދިޔައީ.
    23:13

    މިހާރު ކުރިއަށް ދަނީ ފަހުހާފުގެ އިތުރު ވަގުތުގެ 4 މިނިޓގެ ކުޅުން.
    23:12

    އަސަދުﷲ ތަނަވަސްކޮށްދިން ފުރުސަތަކުން ބޯޅަ ގޯލްތެރެއަށް ފޮނުވާލީ އާއްކޮ.
    23:11

    މާޒިޔާއިން ނަތީޖާ ހަމަހަމަކޮށްފި.
    23:09

    ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރޭން ޕަބްލޯ ބޯޅަ ފޮނުވާލަން އުޅެނިކޮށް ކީޕަރު ސައިފުލް ބޯޅަ ހިފި ވަގުތު އެނާއަށް ކޮންމެވެސް ވަރަކަށް އަނިޔާވެއްޖެ.
    23:08

    މާޒިޔާއަށް ކޯނަރެއް.
    23:08

    ފަރުހާދު ޕީޑީއާރުއެމްގެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ކީޕަރު މަތަކުރީ.
    23:07

    މާޒިޔާއިން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން މިދަނީ.
    23:06

    ކެޕްޓަން އަސަދުﷲ ފޮނުވާލި ޕެނަލްޓީ ގޯލް ތެރެއަށް. މާޒިޔާ 2-3 ޕީޑީއާރުއެމް.
    23:05

    މާޒިޔާގެ ޕެނަލްޓީ ޖަހަނީ އަސަދުﷲ.
    23:05

    ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރޭން އެޓީމުގެ ކުގޭބެ، މާޒިޔާގެ ޕަބްލޯއަށް ފައުލުކުރުމާ ގުޅިގެން ރެފްރީ މިވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައި.
    23:04

    ޕީޑީއާރުއެމްގެ ވީރަންއަށް ރީނދޫ ކާޑެއް.
    23:03

    ފަރުހާދު ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ރޮޑްރިގޭޒަށް ދިން ބޯޅަ އޭނާއަށް ފޮނުވާލެވޭ ގޮތެއް ނުވި.
    23:02

    މާޒިޔާއިން ހަމަލާއެއް އިފެއްދޭތޯ މަސައްކަތް ކުރަނީ. ބޮކުރީ ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރެއަށް ނަގައިދިން ބޯޅަ މާ މަތިން ދިޔައީ.
    23:01

    މާޒިޔާއަށް ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއް ފޮނުވާލީ ބޮކުރީ.
    22:58

    ޕީޑީއާރުއެމުން ފޯވާޑެއްގެ ބަދަލުގައި ކުޅެން އެރުވީ ޑިފެންޑަރެއް. އެޓީމުން ބޮޑަށް ޑިފެންސަށް އިސްކަންދޭތަން މި ފެންނަނީ.
    22:58

    މާޒިޔާއިން އެޓޭކިން ބަދަލެއް. ފަހަތަށް ކުޅޭ ސަމްދޫހުގެ ބަދަލުގައި ކުޅެން ނުކުތީ، އަހްމަދު އިމާޒު (އާއްކޮ).
    22:56

    ޕީޑީއާރުއެމުން ބަދަލެއް. 26 ނަމްބަރު ސުމަރޭގެ ބަދަލުގައި 21 ނަންބަރު ކުޣެބެ އޮނޮރޮއިޑޭ ކުޅެން އަރައިފި.
    22:55

    މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއިން އެ ޓީމުގެ ދެ ކުޅުންތެރީން ކައިރިން ބޯޅަ ނައްޓާލާފައި ސުމަރޭ ފޮނުވާލި ބޯޅަ ކީޕަރު އިންމަ އަތަށް.
    22:54

    ނާއްޓެ ކޯނަރަކުން ކުރަސްކޮށްލި ބޯޅަ ޕީޑީއާރުއެމްގެ ގޯލަށް ފޮނުވާލީ އިރުފާން ބޮލުން ޖަހައި.
    22:53

    މާޒިޔާއަށް ލިބުނު ކޯނަރަކުން އެޓީމު ލަޑެއް ޖަހައިފި.
    22:52

    ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ދަނގަޑޭ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާޢުކުރީ.
    22:50

    ޓްރައޮރޭ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅަ ޖެހުނީ.
    22:47

    މާޒިޔާއިން ދަނީ ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުން. ނަމަވެސް ޕީޑީއާރްއެމުން ދަނީ ގޯލަށް އަމާޒުވާ ބޯޅަޔަކަށް ހުރަސް އަޅަމުން.
    22:43

    ޕީޑީއާރްއެމްގެ ޕެނެލްޓީ އޭރިޔާ ތެރެއިން މާޒިޔާއިން ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކޮށްފި
    22:39

    މާޒިޔާގެ ހާފްތެރޭން ޕީޑީއާރުއެމްއަށް ހިލޭ ޖެހުމެއް.
    22:38

    މާޒިޔާއިން އަނެއްކާވެސް ބަދަލެއް. މޫސާ ޔާމީންގެ ބަދަލުގައި އަހްމަދު ނާޝިދު.
    22:38

    މާޒިޔާގެ ހާފުތެރޭން ސާއިން މިވަނީ ދަގަނޑޭއަށް ފައުލުކޮށްފައި.
    22:33

    މާޒިޔާ ޓީމުން ބަދަލެއް. ޒިވްކޯއަށް އަނިޔާވެގެން އޭނާގެ ބަދަލުގައި މުޙައްމަދު ސާއިފް.
    22:31

    މާޒިޔާގެ ޑިފެންޑަރުން ކައިރިން ކަޓުވާލާފައި ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަހިފައިގެން ވަދެ އިމްރާން ކައިރިން ވެސް ކަޓުވާލާފައި ގޯލް ތެރެއަށް. މިއީ އަޝްފާގުގެ ދެވަނަ ލަނޑު. ޕީޑީއާރުއެމްގެ 3 ވަނަ ލަނޑު.
    22:30

    ދަގަނޑޭ އަނެއްކާވެސް ލަނޑު ޖަހައިފި.
    22:28

    އަނެއްކާވެސް ޕީޑީއާރުއެމްގެ ހަމަލާއެއް. ދަގަނޑޭ މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ބޭރަށް ނުކުތްވަގު ފައުޒީ އަނެއްކާވެސް ބޯޅަ ގޯލަށް ފޮނުވާލި. ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.
    22:27

    ޕީޑީއާރުއެމަށް ހިލޭ ޖެހުމެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ޝަހުރައިން ފޮނުވާލި ހިލޭޖެހުން ޓްރައުރޭ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކުރީ.
    22:26

    ދެވަނަ ހާފްގެ ކުޅުން ފަށައިފި.
    22:10

    ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ޕީޑީއާރުއެމް 2 މާޒިޔާއަަށް ލަނޑެއް ކާމިޔާބެއް ނުކުރެވޭ.
    22:08

    ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި 2 މިނިޓް.
    22:05

    މާޒިޔާގެ ހާފްގެ ތެރެއިން ސުމަރޭއަށް ޔާމީން ފައުލުކުރުމާ ގުޅިގެން ޕީޑީއާރުއެމަށް ޖެހުމެއް.
    22:03

    މާޒިޔާގެ އިރުފާން ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.
    22:01

    ޕީޑީއާރުއެމުން ބަދަލެއް. އަޒްވާންގެ ބަދަލުގައި ކުޅެން އެރީ، ޝަހުރައިން.
    22:00

    ޕީޑީއާރުއެމްގެ ނޫރުލްއަޒްވާނަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިގެން އޭނާ ދަނޑުން ބާލައިފި.
    21:58

    ދަގަނޑޭ ވަރަށް ރީތިކޮށް މާޒިޔާގެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ޓްރައޮރޭއަށް ބޮލުންޖަހައި ގޯލަށް ބޯޅަ އަމާޒެއް ނުކުރެވުނު.
    21:58

    ޕީޑީއާރުއެމަަށް ކޯނަރެއް.
    21:53

    މެޗަށް ނުކުތުމުގެ ކުރިން އަޝްފާގު ވަނީީ އޭނާގެ ސަޕޯޓަރުން އުފާވާފަދަ ކުޅުމެއް މިރޭގެ މެޗުގައި ދައްކަން މަސައްކަތް ކުރާނޭ ކަމަށް ބުނެފައި.
    21:48

    މާޒިޔާގެ ދެވަނަ ލަނޑު. އަޝްފާގު މި މުބާރާތުގައި ޖެހި ފުރަތަމަ ލަނޑު.
    21:47

    އަޝްފާގު، މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ކަޓުވާލާފައި ގޮސް ބޯޅަ ގޯލް ތެރެއަށް.
    21:44

    މާޒިޔާގެ ޒިވްކޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޓްރައޮރޭއަށް ފައުލުކުރުމާ ގުޅިގެން ޒިވްކޯއަށް ރީނދޫ ކާޑެއް.
    21:42

    މާޒިޔާގެ ޕަބްލޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ބޭކާރުވީ. ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ މެއިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ޕަބްލޯ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
    21:36

    މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ޓްރައޮރޭ ވަރަށް ރީތިކޮށް ގޯލަަށް ފޮނުވާލި ބޯޅައެއް. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު.
    21:35

    ޕީޑީއާރުއެމް ލަނޑު ޖަހައިފި.
    21:33

    މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ ދަގަނޑޭ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު އިމްރާން ދިފާއުރީ އެހާމެ ހުޝިޔާރުކަމާއެކު.
    21:31

    މާޒިޔާއަށް ކޯނަރެއް.
    21:30

    މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ޕީޑީއާރުއެމްގެ ކުޅުންތެރިން ހުރަސް ކޮށްލި ބޯޅަ ޕީޑީއާރުއެމްގެ ޓްރައޮރޭ ބޮލުން ޖަހައި ފޮނުވާލީ. ގޯލަށް އަމާޒެއް ނުވި.
    21:28

    މާޒިޔާއަށް ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުން ފޮނުވާލީ ބޮކުރީ. ބޮކުރީ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތިން ބޭރަށް.
    21:27

    އަސަދުﷲ ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން އޭރިޔާއާ ދިމާއަށް ދަނިކޮށް ޕީޑީއާރުއެމްގެ ތިރުމުރުގަން މިވަނީ އޭނާއަށް ފައުލްކޮށްފައި.
    21:25

    މެޗުގެ ފުރަތަމަ ހަމަލާ މި އުފެއްދީ ޕީޑީއާރުއެމުން. ޕީޑީއާރުއެމްގެ ކުޅުންތެރީން މާޒިޔާގެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާއުކުރީ.
    21:25

    މެޗު ފަށައިފި.
    21:19

    ފައިނަލް މެޗު ފެށުމަށްޓަކައި ދެ ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެ ޝަރަފްވެރި މެހެމާނާ ސަލާމް ކުރަނީ.
    21:18

    ޕީޕަލްސް ކަޕް 2015ގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ އެ މުބާރާތުގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު.
    21:18

    ގޯލް ކީޕަރ ޓްރެއިނީއަކީ އަސްލަމް. އަދި ފިޒީޝަނަކަށް ޝަކީބް
    21:17

    އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި އައްސަދު އަބްދުލް ޣަނީއާއި މާޒިޔާގެ ކުރީގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ).
    21:11

    ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖައްސާފައި މިވަނީ ނިއުގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯފް.
    21:09

    ގައުމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަނީ ކުޅިވަރާ ބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލް.
    21:08

    ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗާއި ކޯޗިން ސްޓާފް ތައާރަފްކުރަނީ.
    21:07

    މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ދަގަނޑޭ ބުނެފައިވަނީ، މިރޭގެ މެޗުގައި އޭނާގެ ފަރާތުން ސަޕޯޓަރުން ބޭނުންވާފަދަ ކުޅުމެއް ދައްކައިދޭނޭ ކަމަށް. އަދި މެޗުގެ ފޯރިގަދަކުރުމަށްޓަކައި ހުރިހާ ސަޕޯޓަރުން ވެސް ދަނޑަށް އައުމަށް.
    21:06

    ދެން ފާހަގަ ކޮށްލެވޭނީ، މި މުބާރާތުގައި މާޒިޔާގެ ގޯލް ބަލަހައްޓަން ހުރީ ރާއްޖޭގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން. މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ގޯލް ކީޕަރު ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ އިމްރާން މުހައްމަދާއެކު އެ ޓީމް ފައިނަލަށް ނިކުންނައިރު، އޭނާއާ ދެކޮޅަށް ކުޅޭނީވެސް މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ).
    21:04

    މުބާރާތުގެ ފައިނަލަށް ކުރި ދަތުރުގެ ކުރީގައި ޕީޑީއާރްއެމް އޮތް ނަމަވެސް، މާޒިޔާވެސް މި މުބާރާތުގައި ދައްކާފައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް. ޕޮއިންޓުގެ ގޮތުން ޕީޑީއާރްއެމް ކުރީގައި އޮތް ނަމަވެސް މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް، މާޒިޔާގެ ޕަބްލޯ ވަނީ މިހާތަނަށް މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދާފައި.
    21:02

    މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކޮށްފައި ވާއިރު، އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެން. އެ މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕަބްލޯ. އަދި ޕީޑީއާރްއެމް ކާމިޔާބު ކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓްރައޮރޭ.
    21:01

    މުބާރާތުގެ ފުރަތަމަ މެޗުގައި ލަޔަންސްއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު އެ ޓީމް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުން. އެ މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ބްރެޒިލްފޯވާޑް ޕަބްލޯ ރޮޑްރިގޭޒް. އަދި މުބާރާތުގައި ނިއުއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައި.
    21:00

    ޕީޕަލްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ނެރުނު ނަތީޖާއަށް ބަލާއިރު، އެ ޓީމް ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އަނެއް ދެ މެޗުން އެއްވަރު ވެގެން. އެ ނަތީޖާއާއެކު މާޒިޔާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލިބުނީ މުޅިއެކު ފަސް ޕޮއިންޓު.
    20:59

    މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ޕީޑީއާރްއެމް ކާމިޔާބުކުރީ ނިއުރޭޑިއެންޓް ސްޕޯޓްސް ކަލްބާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން. އެ ޓީމްގެ ގެމްބިއާ މިޑްފީލްޑަރު މަހަމޫދު ސުމާރޭގެ ފަރާތުން ފެނިގެން ދިޔަ ލަނޑާއެކު އެ މެޗު ޕީޑީއާރްއެމް ކާމިޔާބު ކުރިއިރު، ސިންގަޕޯރ ލަޔަންސްއާ ދެކޮޅަށް ކުޅުނު މެޗުވެސް އެ ޓީމަށް ކާމިޔާބު ކުރެވުނީ ހަމަ 1-0 ގެ ނަތީޖާއަކުން. އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޕީޑީއާރްއެމްއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ މާލީ ފޯވާޑް ޑްރަމަނޭ ޓްރައޮރޭ.
    20:57

    މާޒިޔާ އާއި ޕީޑީއާރްއެމް ފައިނަލަށް ދަތުރު ކޮށްފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލު ނުވެ.
    20:57

    ގްރޫޕް ސްޓޭޖުން އެއްވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ޕީޑީއާރްއެމް. އެ ޓީމް ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރުވެ ގްރޫޕް ސްޓޭޖުގައި މުޅިއެކު ހަތް ޕޮއިންޓު ހޯދާފައި.
    20:52

    ޕީޑީއާރުއެމްގެ ފުރަތަމަ 11:

    - އަލީ އަޝްފާގް
    - އަހުމަދު އެރީ ޝާފިޒީ ބިން ސަޒާލީ
    - ޑްރަމަނޭ ޓްރައޮރޭ
    - ނޫރުލް އަޒްވާން ބިން ރޯޔާ
    - މުހައްމަދު ފައުޒީ ބިން އަބްދުލް މަޖީދު
    - ތިރުމުރުގަން ވީރަން
    - މުހައްމަދު އަފީފް ބިން އަމީރުއްދީން
    - މުހައްމަދު ފިކްރީ ބިން ތާޖުދިން
    - މުހައްމަދު މުސްލިމް ބިން އަހުމަދު (ކެޕްޓަން)
    - ސައިފުލް އަމަރު ބިން ސުދާރު (ގޯލްކީޕަރު)
    - މަހަމޫދު ސުމާރޭ

    20:50

    ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި ޕީޑީއާރުއެމާ ދެކޮޅަށް މާޒިޔާއިން ނެރޭ ފުރަތަމަ 11:

    - އަމްދާން އަލީ
    - މުހައްމަދު އިރުފާން
    - ޓޮޝިޔާ ހޮސޯ
    - ފަރުހާދް އިސްމާއިލް
    - އަސަދުﷲ އަބްދުﷲ (ކެޕްޓަން)
    - ސަމްދޫހު މުހައްމަދު
    - ޕަބްލޯ ރޮޑްރިގޭޒް
    - ހުސެއިން ނިޔާޒް މުހައްމަަދު
    - ޒިވްކޯ ޓޮޑޮރޮވް ޑިނެވް
    - މޫސާ ޔާމީން
    - އިމްރާން މުހައްމަދު (ގޯލްކީޕަރު)