ބްރެޓިސްލާވާ (މާޗް 24): ޔުކްރޭންގެ މައްސަލައަށް އަސްކަރީ ޙައްލެއް ނުގެނެވޭނެ ކަމަށާއި ޔުކްރޭންގެ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވެސް އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އަސްކަރީގޮތުން ކާމިޔާބު ނުހޯދޭނެ ކަމަށް ޖަރުމަނުން ބުނެފި އެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ފްރާންކް ވޯލްޓަރ ޗެއިންމަޔަރ ވިދާޅުވީ ޔުކްރޭންގެ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށްވެސް އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އަސްކަރީގޮތުން ކާމިޔާބު ނުހޯދޭނެ ކަމަށާއި ޔުކްރޭންގެ މައްސަލައަށް ގެނެވޭނީ ދެފަރާތުން އެއްބަސްވާ ސުލްޙަވެރި ޙައްލެއް ކަމުގައެވެ. ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން ޔޫރަޕްގެ ހަތަރު ގައުމެއްގެ ޚާރިޖީ ވަޒީރުންނާ ސްލޮވާކިޔާގެ ވެރިރަށް ބްރެޓިސްލާވާގައި މަޝްވަރާ ކުރެއްވުމަށްފަހު ޗެއިންމަޔަރ ވިދާޅުވީ ޔުކްރޭންގެ މައްސަލައަށް އަސްކަރީ ޙައްލެއް ނުގެނެވޭނެކަން އެނގޭއިރު ދެފަރާތުންވެސް ޙަމަލާތައް ވަރުގަދަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޕޮލެންޑް، ޗެކް ރިޕަބްލިކް، އަދި ސޮލޮވާކިޔާގެ އިތުރުން ޖަރުމަނުގެ ޚާރިޖީ ވަޒީރުންނެވެ.

އަނެއްކޮޅުން ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ މެކޭނިޒަމެއް އެކުލަވާލުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި މާދަމާ ޕެރިހުގައިވެސް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ޔުކްރޭނާއި ރަޝިޔާގެ އިތުރުން ޖަރުމަނުގެ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. (ރޮއިޓާސް)