ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެންބަރުންގެ އިހުތިޖާޖުތަކާ އެކު ކުރިއަށް ގެންދަނިކޮށް ތަޅުން ހޫނުވެ ޖަލްސާ މެދު ކަނޑާލައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ކޯޓު އަމުރެއްގެ ދަށުން ބަންދު ކުރި ދުވަހުން މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި އެމްޑީޕީ މެންބަރުން ގެންދަވަނީ މެގަ ފޯނު އަދި ދުންމާރި ފަދަ ތަކެތި ބޭނުންކުރައްވައިގެން އަޑުގަދަ ކުރައްވަމުންނެވެ. އަދި މިއަދުގެ ޖަލްސާގައި ވެސް އެކަން ވަނީ ތަކުރާރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ -- ފޮޓޯ ޓުވީޓާ އަބްދުﷲ ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު 'ސަން' އަށް ވިދާޅުވީ ނުވައެއް ޖަހާއިރު ފެށުނު ޖަލްސާ މެދު ކަނޑާލަން ޖެހުނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު "މަޖިލީހުގެ ރިޔާސަަތަށް ހަމަލާދިނުމަށް ދިއުމުން" ކަމަށެވެ. ނިހާން ވިދާޅުވީ އެމްޑީޕީ މެންބަރުންގެ މަގުސަދަކީ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގާނޫނުތަކެއް ފާސްކުރުމަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން މަސައްކަތް ކުރަމުން ދާތީ އެކަން ހުއްޓުވަން ކަމަށާއި އެގޮތަށް އެކަން ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނީ މިހާރު ކުރިއަށްދާ ގޮތަށް ނޫންކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ ނަން އިއްވައި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ތަޅުމުން ބޭރަށް ލާން ޖެހިއްޖިއްޔާ އެކަން ވެސް ކޮށްގެން ޖަލްސާ އަމާންކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ގަވާއިދުތަކާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުމެވެ.

މިއަދަށް އެޖެންޑާކުރި ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި ކޮމެޓީން ނިންމިގޮތުގެ ރިޕޯޓު އިއްވުން ނިމިފައިވާއިރު، 1:30 ގައި ވޯޓަށް އެހުންމަށް ވަނީ ހަމަޖެހިފައެވެ.