މައިލޯ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ސްޓެލްކޯ އާއި އެމްއާރްޑީސީ އަދި އެލައިޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ސްޓެލްކޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް 'އެފް'ގައި، ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް، މުޅިއަކު ހަތް ޕޮއިންޓާ އެކު އެ ގްރޫޕްގެ އެއްވަނަ ހޯދައިންނެވެ. އެ ގްރޫޕްގެ ދެވަނައިގައި މިހާރު ދިވެހި ސިފައިންގެ ކްލަބް ހަ ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ކްލަބް އިމިގްރޭޝަން އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

އިއްޔެ ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ގްރޫޕް 'އެޗް'ގެ ފަހު މެޗުގައި، ތަފާތުބޮޑު 9-2 ގެ ނަތީޖާއަކުން ޓީމް އެމްއައިއޭގެ މައްޗަށް ކުރި ހޯދާ، އެމްއާރްޑީސީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، މުޅިއަކު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިންނެވެ. ގްރޫޕް 'އެޗް'ގެ ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޓީމް އެމްއައިއޭ އެވެ.

ރޭ ކުޅުނު ގްރޫޕް 'އައި'ގެ މެޗުގައި އެލައިޑް ވަނީ ޓީމް ޑީޖޭއޭގެ މައްޗަށް 5-4ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކުރި އެލައިޑް މުޅިއަކު ނުވަ ޕޮއިންޓް ހޯދާފައި ވާއިރު، އެ ޓީމް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގަ އެވެ. ގްރޫޕް 'އައި'ގެ ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު ޕޮލިސް ކްލަބް އޮތް އިރު، ތިން ވަނައިގައި ޓީމް ޑީޖޭއޭ އޮތީ ތިން ޕޮއިންޓާއެކު އެވެ.

މުބާރާތުގެ ގްރޫޕްތަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމްތަކަށް ވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އޮތް އިރު، ދެވަނަ ބުރުން މިހާތަނަށް ހަމައެކަނި ޖާގަ ކަށަވަރު ވެފައިވާ ޓީމަކީ ގްރޫޕް 'ބީ'ގެ ދެވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ޔުނައިޓަޑް ބީއެމްއެލް އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރެ އެވެ. އެ ރޭ ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'ޑީ'ގެ ދެ މެޗާއި، ގްރޫޕް 'އީ'ގެ ދެ މެޗުގެ އިތުރުން ގްރޫޕް 'ޖީ'ގެ ދެ މެޗެވެ.