ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އެގައުމުގެ ރައީސް ބަރަކް އޮބާމާ އާ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ރާއްޖެއާއި ސްރީލަންކާއަށް ހާއްސަވެ ހުންނަވާ ސަފީރެއްގެ ގޮތުގައި ދެން ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި އޮބާމާ ހަމަޖައްސަވާފައި ވަނީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ އަތުލް ކެޝަޕް ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ބުންޏެވެ.

އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީގައި ކުރިން މަސައްކަތްކުރައްވާފައިވާ އަތުލް މިހާރު ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ގެ މަގާމުގައެވެ. އެގޮތުން ރާއްޖެއާއި ސްރީލަންކާއާއި އިންޑިއާއާ ބޫޓާނާ ބެހޭ ގޮތުން ސިޔާސަތުތައް ކަނޑައެޅުއްވުމުގައި އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ނިޝާ ބިޝްވާލްގެ އަރިހުގައި އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.

އޭގެ ކުރިން 2012 އިން 2013 އަށް އޭނާ މަސައްކަތް ކުރައްވާފައި ވަނީ އޭސިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަންގެ ބިއުރޯ އޮފް އީސްޓް އޭސިއަން އެންޑް ޕެސިފިކް އެފެއާޒަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ އެންމެ އިސް އޮފިޝަލްގެ ގޮތުގައެވެ.