ސޫރިޔާގައި ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ވަރަށް އިތުބާރު ހުރި ގޮތަކަށް ސަންއަށް އެނގިފައިވާ ގޮތުގައި ސޫރިޔާގެ އިދުލީބުގައި ދިވެއްސަކު މަރުވެފައި ވަނީ އެގައުމުގެ ސަރުކާރު ސިފައިންނާ ކުރި ހަނގުރާމައިގައި މީގެ ދެދުވަސް ކުރިންނެވެ. އޭނާ މަރުވީ، ސޫރިޔާ ސިފައިންގެ ޗެކްޕޮއިންޓަކަށް އަމާޒުކޮށް އޭނާ ދިން ބޮމުގެ ހަމަލާއެއްގައި ކަން ވެސް ވަނީ އެނގިފައެވެ.

ސޫރިޔާ ސިފައިންގެ ފައުޖެއް ފަހަތަށް ޖެއްސުމަށް ދިވެއްސަކާއި އެކު ދެން ހަމަލާގައި ބައިވެރިވެފައި ވަނީ މިސްރު މީހަކާއި އުޒްބަކިސްތާން މީހެއް ކަން ވެސް ވަނީ އެނގިފައެވެ.

އިދުލީބުގައި ސޫރިޔާ ސިފައިންނާ ޖަބުހަތުއް ނުސްރާ ނަމަކަށް ކިޔާ ޖަމާއަތަކާއި އަހުރާރުއް ޝާމް ނަމަކަށް ކިޔާ ޖަމާއަތަކާ ދެމެދު ފާއިތުވި ދެ ދުވަސް ތެރޭގައި ކުރި ހަނގުރާމައިން ސޫރިޔާ ސިފައިން ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. އެހެންވެ އިދުލީބުގެ ބޮޑު ބައެއް މިހާރު އޮތީ ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށުގައި ކަމަށް އެގައުމުގެ މަސްދަރުތަކުން މިއަދު ބުންޏެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމައިގައި މިހާތަނަށް 250،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އޭގެ ތެރެއިން ގިނަ ބަޔަކު މަރުވެފައި ވަނީ ސަރުކާރު ސިފައިންގެ ހަމަލާތަކުގައެވެ.