ރެޑް ބުލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "ރެޑް ބުލް ޕޭޕަރ ވިންގްސް' ކަރުދާސް ރޮކެޓް އުކުމުގެ މުބާރާތުގެ ތިން ކެޓަގަރީން، އަހުމަދު ނަބީހު އާއި އަލީ އަފްރާހު އަދި ޔޫސުފް "ޗަންޕި" ނިހާން އޮސްޓްރިއާގައި އޮންނަ ރެޑް ބުލް ޕޭޕަރ ވިންގްސް ވޯލްޑް ފައިނަލަށް ކޮލިފައި ވެއްޖެ އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި 100އަށް ވުރެ ގިނަ ބައިވެރިންނާ ވާދަކޮށް، ޗަންޕި ޗެންޕިއަންކަން ހޯދީ އެއިރޮބެޓިކްސް ޑިސިޕްލިން ކެޓަގަރީންނެވެ. ކ. އަތޮޅު ކާށިދޫއަށް ނިސްބަތްވާ ޗަންޕި އެ ކެޓަގަރީގެ ޗެންޕިއަންކަން ހޯދީ 30 ޕޮއިންޓުން ޖުމަލަ 25 ޕޮއިންޓް ހޯދައިންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ދެ ފަރާތެއް ވަނީ 24 ޕޮއިންޓް ހޯދާފައެވެ.

"އެއްވެސް ވަރަކަށް ހިއެއް ނުކުރަން މި މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަކަށް. މުބާރާތަކަށް ވަކި ހާއްސަ ތައްޔާރީ ތަކެއްވެސް ނުވަން. ރައްޓެއްސަކާއެކު އައީ، އައިސް ހިތަށް އެރީ ނަސީބު ހުރިގޮތެއް ބަލާލާނީއޭ،" ޗަންޕި ބުންޏެވެ.

ޗަންޕިގެ އިތުރުން، ރެޑް ބުލް ޕޭޕަރ ވިންގްސްގެ އެއަރ ޓައިމް ޑިސިޕްލިން ކެޓަގަރީން އެންމެ ކުރި ހޯދީ އަހުމަދު ނަބީހު އެވެ. އޭނާގެ ރޮކެޓް ވަނީ މުޅިއެކު 7.88 ސިކުންތު ވަންދެން ވައިގެ ތެރޭގައި ނުވެއްޓި އުދުހިފައެވެ. އޭނާ އެ ކެޓަގަރީން އެއްވަނަ ހޯދީ 150 އަށްވުރެ ގިނަ ބައިވެރިންނާ ވާދަކޮށްގެނެވެ.

"މި ކެޓަގަރީން އެއްވަނަ ލިބޭނެ ކަމަށް އެއްގޮތަކަށްވެސް ހިއެއް ނުކުރަން. ނަމަވެސް މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" އެމްއެންޔޫ ގައި ކިޔަވަމުންދާ ނަބީހު ބުންޏެވެ. "ވޯލްޑް ފައިނަލްސްގައި ރާއްޖެ ތަމްސީލު ކުރާއިރު، އަހަރެންގެ އެންމެ ރަނގަޅު އެފަޓެއް އެކަމަށް ދޭނަން."

ރެޑްބުލް ޕެޕަރ ވިންގްސްގެ ފަހު ކެޓަގަރީ ކަމަށްވާ ޑިސްޓެންސް ކެޓަގަރީން އެއްވަނަ ހޯދައި، ޕޭޕަރ ވިންގްސް ވޯލްޑް ފައިނަލްގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ހޯދީ އަފްރާހު އެވެ. އޭނާ ހެދި ރޮކެޓް ވަނީ ނުވެއްޓި މުޅިއެކު 37.26 މީޓަރަށް ދަތުރު ކޮށްފަ އެވެ. އޭނާ އެ މަގާމް ހޯދީ 170 ބައިވެރިންނާ ދެކޮޅަށް ވާދަކުރުމަށް ފަހު އެވެ.

"ވޯލްޑް ފައިނަލްސް އިން ޖާގަ ލިބުނީމަ ވަރަށް އުފާ ވެއްޖެ. މި މުބާރާތަށް އަހަރެން ކުރިމަތިލީ މޮޅުވާން. މުބާރާތް ބާއްވަން އުޅޭކަން އިނގުނީއްސުރެ މި އަންނަނީ މުބާރާތަށް ތައްޔާރު ވަމުން،" މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލްގައި ކިޔަވަމުން އަންނަ އަފްރާހު ބުންޏެވެ.

ރެޑް ބުލް ޕޭޕަރ ވިންގްސްގެ ކޮލިފައިން ރާއްޖޭގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައި ވާއިރު، ވޯލްޑް ފައިނަލްސްގެ ކޮލިފިކޭޝަން ވަނީ ރާއްޖޭގެ އިތުރުން 80 އަށް ވުރެ ގިނަ ގައުމުގައި ބާއްވާފައެވެ. ކޮލިފައިން އަށްފަހު، ވޯލްޑް ފައިނަލްސް ބާއްވަން ހަމަޖެހިފައި ވަނީ މެއި މަހުގެ ނުވަވަނަ ދުވަހު އޮސްޓްރިއާގެ ސޭލްސްބާގްގައެވެ.