30 Mar 2015, 19:03
މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު، އައިޖީއެމްއެޗް ކައިރީގައި ހުއްޓާ ވަޅި ހަރައި މަރާލި ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރިން މަރާލި، ނޫރަކީ އެ ރޭ ޔޫރޯ ސްޓޯރު ކައިރިން ހަމަލާދިނުމުން ޒަޚަމްވި މީހަކު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ޒުވާނެކެވެ.
ނޫރު މަރާލީ އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ހުއްޓާ ސައިކަލުން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހަރަ އެވެ. ފުލުހުން އެތަނަށް ދިޔައިރު ނޫރަށް ހަމަލާދީން މީހުން ވަޅި އެއްލާލުމަށްފަހު ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާއިން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ ޒުވާނާއަކީ ހޮނިހިރު ދުވަހު ރޭ ޗާންދަނީމަހު ޔޫރޯ ސްޓޯރު ކައިރީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
އުރުމުން 21 އަހަރުގެ އެ ޒުވާނާ ހައްޔަރު ކުރީ މިއަދު ހަވީރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
އެ ރޭ ހިނގި މާރާމާރީގައި ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ފަހު އެރޭގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗުން ދޫކޮށްލާފައެވެ.