ނިއުދިއްލީ (މާޗް 31): ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ތާށިވެފައިވާ އިންޑިޔާގެ ހަތަރު ހާހަށްވުރެ ގިނަ ރައްޔިތުން އެގައުމުން ބޭރުކޮށްދިނުމަށްއެދި އިންޑިޔާއިން ސައޫދީ އަރަބިޔާގެ ކިބައިން އެދެފި އެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ، މިކަމަށް އެދިވަޑައިގަތީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްްދުލްއަޒީޒްގެ އަރިހުންނެވެ.

މޯދީ މިކަމަށް އެދިވަޑައިގަތީ ސައޫދީ ރަސްގެފާނު ސަލްމާނާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކެއްގައި ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ތާއީދުކުރާ ފަރާތްތަކާއި އެގައުމުގެ ވާދަވެރި އެހެން ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް މިދިޔަ ހަފްތާގައި ސައޫދީ އަރަބިޔާ ވަނީ ކޯލިޝަނެއްގެ ތެރެއިން ވަދެފައެވެ.

ޔަމަންގެ ޙޫޘީ ޖަމާއަތާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިހަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީ ވައިގެ ސިފައިން ޙަމަލާތައް ދެމުންގެންދާތީ ޔަމަންގެ ކަނޑާއި ވައިގެ ބަނދަރުތައްވަނީ ބަންދުކޮށްފައެވެ.

އިންޑިއާއިން ވަނީ ޔަމަނުގައި އުޅޭ އެގައުމުގެ ހަތަރު ހާހަށްވުރެ ގިނަ ރައްޔިތުން އަނބުރައި އިންޑިއާއަށް ގެނައުމަށް އެގައުުމުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަކާއި ފަސިންޖަރު ބޯޓެއް ޔަމަންގެ ކައިރިއަށް ފޮނުވާފައެވެ. ނަމަވެސް ސައޫދީންގެ އެހީތެރިކަމާނުލައި އިންޑިޔާގެ ރައްޔިތުންނަށް ޔަމަނުން ފުރޭނެ ގޮތެއް ނެތްކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ޔަމަނުގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުންގެ ތެރޭގައި ގިނައީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އިންޖިނޭރުންފަދަ ފަންނީ މީހުންނެވެ. (ރޮއިޓާސް)