ފޯނު ކޯލާއެކު ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް ފޮނުވޭ ގޮތަށް ޑެއިލީ އަންލިމިޓެޑްގެ މުޅިން އާ ޕެކޭޖެއް މުއާސަލާތީ ކުންފުނި، އުރީދޫއިން މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫއިން މިއަދު އަލަށް ތައާރަފުކޮށްފައި ވަނީ "ޑެއިލީ އަންލިމިޓެޑް 15" އެވެ. ޕެކޭޖު މެދުވެރިކޮށް ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް ކުރެވޭ އިރު ޕެކޭޖުގެ އަގަކީ 15 ރުފިޔާ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދަޅުވީ، އުރީދޫއިން މީގެކުރިން ތައާރަފުކޮށްފައިވާ "ޑެއިލީ އަންލިމިޓެޑް 10" އަދި "ޑެއިލީ އަންލިމިޓެޑް 20"ގެ ޕެކޭޖާ މި ޕެކޭޖު އަޅައިބަލާއިރު ފާހަގަކުރެވޭ ތަފާތުތަކެއް ހުންނާނެ ކަމަށެވެ.

އެގޮތުން މަރީ ވިދާޅުވީ، ޑެއިލީ އަންލިމިޓެޑް 15ގެ ޕެކޭޖުގެ ދަށުން 24 ގަޑިއިރު ވަންދެން އުރީދޫގެ ހުރިހާ ނަންބަރަކަށް ހިލޭ ފޯނުކޯލް، އެސްއެމްއެސް އަދި އެމްއެމްއެސް ކުރެވޭނެ ކަމަށެވެ. އަދި އެ ޕެކޭޖުގެ ދަށުން 550 މިނެޓުގެ ހިލޭ ފޯނުކޯލް ކުރެވޭނެ ކަމަށް މަރީ ވިދާޅުވި އެވެ.

ޑެއިލީ އަންލިމިޓެޑް 10 ގެ ޕެކޭޖު ބޭނުންކޮށްގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 12 އަށް އުރީދޫގެ ހުރިހާ ނަންބަރަކަށް ހިލޭ ފޯނުކޯލް ކުރެވުނު ނަމަވެސް އެ ޕެކޭޖުގައި ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް އެއް ނުހިމެނެ އެވެ.

އުރީދޫ "ޑެއިލީ އަންލިމިޓެޑް 20" ގެ ނަމުގައި ވެސް އެ ކުންފުނިން ވަނީ މީގެ ކުރިން ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން 24 ގަޑިއިރަށް އުރީދޫގެ ނަންބަރުތަކަށް ހިލޭ ފޯނުކޯލް، އެސްއެމްއެސް އަދި އެމްއެމްއެސް ކުރެވޭއިރު އެ ޕެކޭޖާ އެކު 100 އެމްބީގެ ޑޭޓާ އެލަވަންސެއް ވެސް ލިބޭނެ އެވެ.

އުރީދޫއިން މިއަދު ތައާރަފުކޮށްފައި މިވަނީ "އުރީދޫ ޑެއިލީ އަންލިމިޓެޑް" ގެ ތިންވަނަ ޕެކޭޖެވެ. ކުރިން ތައާރަފުކުރި ދެ ޕެކޭޖާ އަޅައިބަލާއިރު މިއަދު ތައާރަފުކުރި ޕެކޭޖުގައި ތަފާތުތަކެއް ހުންނަ އިރު *929# މެދުވެރިކޮށް އެ ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެ ޕެކޭޖުގެ ދަށުން ލޯކަލް އެހެން ނެޓްވޯކްގެ ނަންބަރުތަކަށް 99 ލާރީގެ ރޭޓުން ގުޅާލެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.