31 Mar 2015, 17:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރަކު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވަނީ ނުވަތަ ޕާޓީގެ ސިޔާސަތާ ހިލާފަށް ވޯޓު ލަނީ ރައްޔިތުންނަށް ނޭނގި ކަމަށާއި އަދި އެ މެމްބަރުން ޕާޓީ ބަދަލުކޮށް ޕާޓީގެ ސިޔާސަތާ ހިލާފަށް ވޯޓު ލަނީ އެ މެމްބަރުންގެ އަމިއްލަ ސަބަބުތަކަކާ ހެދި ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހެދި ދިރާސާ އަކުން ދައްކައިފި އެވެ.
ހޮޓެލް ޖެންގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޭރެންސީގެ ޕާލިމަންޓު ޕްރޮގުރާމްގެ މެނޭޖަރު ތޯރިގް ވިދާޅުވީ، ދިރާސާގައި ބައިވެރިވި 70 އިންސައްތަ ބޭފުޅުން ގަބޫލުކުރާ ގޮތުގައި މެމްބަރުން ޕާޓީ ބަދަލުކުރަނީ ނުވަތަ ޕާޓީގެ ސިޔާސަތާ ހިލާފަށް ވޯޓު ދެނީ އެ މެމްބަރަކު ހޮވޭ ދާއިރާގެ ރައްޔިތުންނަށް ނޭނގި އަދި އެ މެމްބަރުންގެ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.
އޭނާ ވިދާޅުވީ، ދިރާސާގައި ބައިވެރިވި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަޖިލިސް މެންބަރުންގެ 80 އިންސައްތަ މެމްބަރުން ޕާޓީ ބަދަލުކުރަނީ އެކަމުގައި ރިޝްވަތުގެ އަމަލު ހިމެނޭތީ ކަމަށެވެ. އަދި 62 އިންސައްތަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުން ނުވަތަ ޕާޓީގެ ސިޔާސަތާ ހިލާފަށް ވޯޓު ދެނީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ނުވަތަ އަމިއްލަ ޕާޓީގައާއި އެހެނިހެން ގޮތްގޮތުން ނުފޫޒު އިތުރުކުރުމަށް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
ޓްރާސްޕޭރެންސީގެ ޕާލިމަންޓު ޕްރޮގްރާމްގެ ކޯޑިނޭޓާ ފަޒްލާ އަބްދުއް ސަމަދު ވިދާޅުވީ، ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 94 އިންސައްތަ ފަރާތްތަކުން ގަބޫލުރާ ގޮތުގައި މިހާރު އަމަލުކުރެވެމުންދާ ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން މެމްބަރުން ޕާޓީ ބަދަލުކުރުން ނުވަތަ ޕާޓީގެ ސިޔާސަތުތަކާ ހިލާފަށް ވޯޓު ލެވުން ހުއްޓުވުމަށް "ނުކުޅެދިފައި" ވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ މުހިއްމު ކަމެއް ކަމަށް 87 އިންސައްތަ ފަރާތްތަކުން ދެކޭ ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީގެ ލީގަލް އެސިސްޓެންޓު އިބްރާހިމް ރިޒާ ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެގޮތަށް އަމަލު ކުރެއްވުމުން ޑިމޮކްރެޓިކް ނިޒާމާ ސިޔަސީ ޕާޓީތަކަށް ހީނަރުކަން އަންނަކަމަށް 81 އިންސައްތަ ފަރާތްތަކުން ގަބޫލުކުރެއެވެ.
މި ބައްދަލުވުމުގައި "ސަން" ކުރި ސުވާލެއްގެ ޖަވާބުގައި ތޯރިގް ވިދާޅުވީ، މެމްބަރުން ޕާޓީ ބަދަލު ކުރަނީ އަމިއްލަ މަސްލަހަތުތަކެއް ހިމެނޭތީ ކަމަށް ދިރާސާގައި ބައިވެރިވި ފަރާތްތަކުން ދެކޭ ކަމަށާއި އެހެންނަމަވެސް އެކަމުގައި "ބްލެކްމެއިލު" ކުރުން ހިމެނޭ ކަމަށް އެފަރާތްތަކުން ފާހަގަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ، އެހެންނަމަވެސް އެފަދަ ކަމެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމަށެވެ.
މި ދިރާސާ ޓްރާންސްޕޭރެންސީން ތައްޔާރުކޮށްފައި ވަނީ 200 ފަރާތްތަކަށް ވަކިވަކިން ގުޅައި 10 ސުވާލެއްގެ މައްޗަށް އެކުލެވޭގޮތަށެވެ.